ދިވެހި ޕްރެމިއާ ލީގް

ޓީސީ ބަލިކޮށް މާޒިޔާ ދެވަނައަށް

އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މާޒިޔާއިން ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނައަށް ޖެހިލައިފި އެވެ.

ށ. ފޯކައިދޫ ސްޕޯޓްސް ކުލަބު އަތުން މާޒިޔާ އެއްވަރުވުމުން، އެޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވި މާޔޫސްކަމުން އަރައިގަތުމަށް މިއަދު ޓީސީ އަތުން ހޯދި އެ މޮޅަކީ މުހިންމު މޮޅެކެވެ. މެޗުގައި މާޒިޔާގެ ފަރާތުން ރަނގަޅު ގޭމެއް ފެނިގެން ދިޔަ އެވެ.

އެ ޓީމުގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، މެޗުގެ ފުރަތަމަ 15 މިނެޓް ފިޔަވައި، މާޒިޔާގެ ފަރާތުން އޭނާ ބޭނުންވި ކަހަލަ ކުޅުމެއް ފެނިގެން ދިޔަ ކަމަށެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މާޒިޔާއިން ތަނަވަސް ކުރި އެވެ.

ފުރަތަމަ ހާފުގައި، ނާއިޒު ހަސަން (ދާދު) އަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔަ އެވެ. މާޒިޔާގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އާއި ކެޕްޓަން އަސަދުﷲ އަބްދުﷲ އަދި ދާދުގެ ކޮމްބިނޭޝަން ބޭނުންކޮށްގެން ދާދުއަށް ތަނަވަސް ކޮށްދިން ފުރުސަތުގައި ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ކައިރިން ނައްޓާލުމަށް ފަހު އޭނާ މަސައްކަތް ކުރީ ހަނި އޭންގަލުން ގޯލްގެ ކަނަށް ބޯޅަ ވައްދާލާށެވެ. އެހެންނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މާޒިޔާގެ ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހަބޭސް އިއްބެ އެވެ. ޓީސީގެ ޕެނަލްޓީ އޭރިއާގެ ބޭރުން އަރިމަތިން، ދާދު ނަގައިދިނީ ގޯލް ލައިންމައްޗަށްވާ ގޮތަށެވެ. ޓީސީގެ ޑިފެންޑަރުން އޭރިއާގެ ތެރޭގައި ތިއްބައި އިއްބެ އޭރިއާ ތެރެއަށްވެދެ ގޯލްގެ ތެރެއަށް ބޯޅަ ކޮށްޕާލި އެވެ.

ޓީސީން ސީނިއާ ފުޓުބޯލް ކެރިއާ ފެށި، ހަބޭސް އިއްބެ ލަނޑު ޖެހުމަށް ފަހު އޭނާ އިސްވެ އުފާފާޅު ކޮށްފައި ނުވެއެވެ. ލަނޑަށް ފަހު މާޒިޔާއިން ވަނީ، މި ހަފުތާގައި ޓީމާ ގުޅުނު ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) މެޗުން ފުރުސަތު ދީފަ އެވެ. ސެކްލޮސްކީ ބުނީ ކޯނޭއަށް ފުރުސަތު ދިނީ އިތުރު ލަނޑެއް ޖެހިދާނެ ކަމަށް ވިސްނުމަށް ފަހުގައި ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ލީގް މެދުކަނޑާލާއިރު ތާވަލުގެ އެއް ވަނައިގައި ބްރޭކަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ. މިރޭ ގުރީން ސްޓްރީޓާއި ދަ ގުރޭންޑެ ކުޅޭ މެޗުން ދަ ގުރޭންޑޭ މޮޅު ނުވެވިއްޖެނަމަ، އަންނަ ހޯމަ ދުވަހު އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ މޮޅު ވެއްޖެނަމަ އެއް ވަނަ ލިބޭނެ އެވެ.