ހޮލީވުޑް

އަނެއްކާވެސް ޖޯން ގްރީންގެ ސީޒަނެއް: މިފަހަރުގެ ފިލްމަކީ "ޕޭޕާ ޓައުންސް"

Jul 24, 2015

ޖޯން ގްރީންގެ ވާހަކަ ފޮތަކުން އަންހެން ކުއްޖެއްގެ ހިތް ކަތިލުމަކީ އެއްވެސް ކަމެއް ނޫނެވެ. އަންހެން ކުދިންނަށް ޖޯން ގްރީން އާއި އޭނާގެ ލޯބީގެ އަސަރުގަދަ ވާހަކަތައް ކަމުދަނީ އެމީހުންގެ ލޯބިވެރިންނަށް ވުރެން ވެސް ބޮޑަށެވެ.

ޖޯން ގްރީންގެ ސީޒަނެއް އަނެއްކާވެސް އަންނަނީ އެވެ. މިއީ ހުރިހައި ފިރިހެން ކުދިން ނިކަން ރަނގަޅަށް ތައްޔާރުވާން ޖެހޭ ސީޒަނެކެވެ. ނުވަތަ ބިޓު ކަޓައިގެން ދިއުމުގެ ބިރު އެތައް ޕަސެންޓަކަށް ބޮޑުވާނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ޖޯން ގްރީންގެ "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ރޯގާ އާއި ހުމާއި ކަރުނަ އާއި ރުއިމުގެ ހަނދާނެއް ނެތުނުހެން ހީވި ހިނދު ސިނަމާތަކަށް އަންނަން ތައްޔާރުކޮށްފައިވާ އޭނާގެ އާ ވާހަކަ އަކީ "ޕޭޕާ ޓައުންސް" އެވެ.

މި ވާހަކަ އަކީ ގްރީން 2008 ވަނަ އަހަރު ނެރެފައިވާ ވާހަކަ އެވެ. ވާހަކައިގެ އަސްލަށް އުފައްދާފައިވާ ފިލްމު މިއަދު އުތުރު އެމެރިކާގައި ދައްކަން ފަށާއިރު "ފޯލް އިން އަވާ ސްޓާ" ބަލައިގެން ރޮވުނު އެންމެން އެނބުރި ސިނަމާ އަށް ދާނެ ކަމީ ސުވާލެއް ވެސް އުފެދޭ ކަމެއް ނޫނެވެ.

މި ފިލްމުގައި ދައްކުވައި ދެނީ ހިތުގެ ރާނީ ކުއްލިއަކަށް ގެއްލުމުން އޭނާ ހޯދަން ފިރިހެން ކުއްޖަކު ނުކުމެ އެކުވެރިންނާ އެކު ކުރާ އާދަޔާހިލާފު ދަތުރެކެވެ. ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ ނެޓް ވޮލްފް އާއި ކާރާ ޑެލެވިންޖީން އެވެ.

ޖޯން ގްރީންގެ މި ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭއިރު އޭނާގެ "ފޯލްޓް އިން އަވާ ސްޓާސް" ގެ އަސްލަށް އުފެއްދި ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ހިޓެކެވެ. އެ ފިލްމު 15 މިލިއަން ޑޮލަރުން އުފެއްދިއިރު ބޮކްސް އޮފީހުގައި 300 މިލިއަން ޑޮލަރު ނެގި އެވެ.

"ޕޭޕާ ޓައުންސް" އަކީ 12 މިލިއަން ޑޮލަރުގެ ފިލްމެކެވެ.

 

ބޮކްސް އޮފީހުގައި ލޯބީގެ ފިލްމުތަކަށް އެންމެ މަޝްހޫރު ނަން ކަމުގައިވާ ނިކޮލަސް ސްޕާކްސްގެ މައްޗަށް ޖޯން ގްރީން ކުރި ހޯދާނެ ކަމަށް ބެލެވޭއިރު އޭނާގެ އިތުރު އެހެން ވާހަކަތަކަށް ވެސް ފިލްމު އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.