ހަބަރު

ޓިއުނީޝިއާގައި ހައްޔަރުކުރި ބެލަރޫސްގެ ދެ މީހެއްގެ އަތުން ދިވެހި ޕާސްޕޯޓްތަކެއް ފެނުނު މައްސަލައެއް

Jul 5, 2019
3

ޓިއުނީޝިއާގައި ހައްޔަރުކުރި ބެލަރޫސްގެ ދެ ރައްޔިތެއްގެ އަތުން ދިވެހި ޕާސްޕޯޓްތަކެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޓިއުނީޝިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ސްފެކްސަށް އެ ދެ މީހުން އެތެރެވުމަށްފަހު ހޮޓަލަކަށް ޗެކިންވެ، ކޮޓަރިއަށް އެއްވެސް މީހަކު ވަނަނުދީ އުޅެން ފެށުމުން އެކަން ވަނީ ހޮޓަލުގެ މެނޭޖްމަންޓުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި އެވެ.

އޭގެ ދެ ހަފްތާ ފަހުން، ފުލުހުން އެ ދެ މީހުން ތިބި ކޮޓަރިއަށް ވަދެ ޗެކްކުރި އިރު، އެ ކޮޓަރިން އެހެން ގައުމުތަކެއްގެ ޕާސްޕޯޓްތަކެއް ވަނީ ފެނިފައި އެވެ. އެ ކޮޓަރިން އަތުލައިގެން ޕާސްޕޯޓްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، ޔޫކްރެއިނާއި ޕޯލަންޑްގެ ޕާސްޕޯޓްތަކެއް ހިމެނޭކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. ޕާސްޕޯޓްތަކުގެ އިތުރުން، ކޮމްޕިޔުޓަރުތަކަކާއި، މޯބައިލް ފޯނު އަދި ސިމް ކާޑުތަކެއް ފެނިފައިވާކަމަށް ވެސް ވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން މިދިއަ ހޯމަ ދުވަހު ހައްޔަރުކުރެވިފައިވާއިރު، ޓިއުނީޝިއާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް އިތުރަށް ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން، ރާއްޖެ އިމިގްރޭޝަނުން ބުނީ އެފަދަ މައުލޫމާތެއް ލިބިގެން އެ ރިޕޯޓުތަކުގެ ސައްހަކަން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓުތަކުގައި ހުންނަ ސަލާމަތީ ފީޗާސްތަކުގެ ސަބަބުން، ބޭރު ގައުމުތަކުގެ އިމިގްރޭޝަނަށް އޮޅުވާލުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"ރާއްޖޭގެ އީ ޕާސްޕޯޓުތަކުގައި މުޅި ދުނިޔެއިން ވެސް ބަލައިގަންނަ ޒަމާނީ ސަލާމަތީ ފީޗާސްތައް ހިމަނާފައިވާތީ، އެ މައުލޫމާތު އޮޅުވާލައިގެން މަކަރު ހެދުމުގެ ފުރުސަތު ވަރަށް ކުޑަވާނެ،" އިމިގްރޭޝަނުން ބުންޏެވެ.

ދިވެހިންނަށް ވިސާއާ ނުލާ 80 އަށް ވުރެ ގިނަ ގައުމަށް ދެވޭއިރު، ދިވެހި ޕާސްޕޯޓަކީ މުޅި މި ސަރަހައްދުގައި ވެސް އެންމެ ބާރުގަދަ ޕާސްޕޯޓުކަމަށް ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ބުނެފަ އެވެ.