ވިޔަފާރި

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ޕާޓްނަރަށް ވޭވް ސައުންޑު

އަންނަ މަހު އައްޑޫގައި އޮންނަ "ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ސިޓީ ހޮޓެލް ޕާޓްނަރަކަށް ވޭވް ސައުންޑު ހަމަޖައްސައިފި އެވެ.

ދިވެހި މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމު ކުރާ މި ހާއްސަ އިވެންޓު އޮންނާނީ އަންނަ މަހުގެ 1 އިން 3 އަށް، އައްޑޫ އީކުއޭޓާ ވިލެޖުގަ އެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތައް އަދި އެއާލައިންސްތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުން ބައިވެރިވާ މި ހާއްސަ އިވެންޓުގެ ސިޓީ ހޮޓެލް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ ވޭވް ސައުޑް ބައި ތްރީއެސް މޯލްޑިވްސްއަކީ އައްޑޫގައި ހިންގަމުން ގެންދާ ހަތް ކޮޓަރީގެ ގެސްޓްހައުސް އެކެވެ.

މި އެއްބަސްވުމުގައި ވޭވް ސައުންޑް ހިންގާ ތްރީ އެސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝަރަފުޒާދު ސައީދެވެ. އަދި ޓައިޓަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޒީނަތު ހަސަން އެވެ.

ޓައިޓަން މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި މި ބިޒްނަސް އެކްސްޕޯ ހުށަހަޅައި ދިނުމާއި ޕްރޮމޯޓް ކުރުމުގައި 2003 ވަނަ އަހަރުގެ މިސް ޔުނިވާސްގެ ޓޮޕް ފަހެއްގައި ހިމެނުނު ސާބިއާގެ ސަންޖާ ޕެޕިކް ވެސް ބައިވެރިވާނެ އެވެ. މި އެކްސްޕޯވާނީ އައްޑޫގެ ޓޫރިޒަމަށް ދިރުން ގެނެސްދޭ އިވެންޓަކަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.