ހަބަރު

ފުލުހުން އަނިޔާކުރި މައްސަލަ: ދޮގު ނުފަތުރަން އެދިއްޖެ

ރޭ މާފަންނު ގެއެއްގެ ތެރެއަށް ފުލުސް އޮފިސަރުންތަކެއް ވަދެ މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ސައްހަ ނޫން މަައުލޫމާތު ނުފެތުރުމަށް ފުލުހުން އިސްތިމާސްކޮށްފި އެވެ.

މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އޮފިސަރުން ވަނީ އޭނާ ފާރަށް ޖަހައި، އަތުންނާއި ފައިން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފަ އެވެ. އަދި އެ ވީޑިއޯ އަށް ފަހު ފުލުހުން ވަނީ ވީޑިއޯ ރިވިއުކޮށް ތަހުގީގެއް ފަށައިފަ އެވެ. އަދި އެ ކަމުގައި ބައިވެރިވި އޮފިސަރުން ވަނީ ވަގުތުން ސަސްޕެންޑްކޮށްފަ އެވެ.

މި ވީޑީއޯ އާއްމުވެފައިވަނިކޮށް، މި ކަމުގައި އުޅުނީ ފުލުހުންގެ ވަކި މުވައްޒަފުންތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ފޮޓޯ އެއް ދައުރުވި އެވެ. ފޮޓޯތައް ދައުރުކުރަމުންދާތީ ފުލުހުން މިއަދު ބުނީ ފުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ތަހުގީގު ކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ ވަކި ބަޔެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ ފޮޓޯ ތަކެއް ޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކާ ހަދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި، ތަހުގީގު ކުރިއަށްދާއިރު ސައްހަ ނޫން މައުލޫމާތު ނުފެތުުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.