ހަބަރު

ސިއްހީ ނިޒާމު ބަދަލުކޮށް ހިތްހަމަޖެހުން ގެންނާނަން: ފައިސަލް

ސިއްހީ ނިޒާމަށް ބަދަލުގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ދުވަހެއް ހޯދައިދޭން، މުޅި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ރައީސްގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ފައިސަލް އެގޮތަށް ވިދާޅުވީ، ޓައިނީ ހާޓް އޮފް މޯލްޑިވްސް އާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ "ފީޓަލް ހާޓް މޯލްޑިވްސް 2019" ވަރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ސިއްހީ ނިޒާމަށް ބަދަލުތަކެއްގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދިނުމަކީ، ރައީސްގެ ވައުދުފުޅެއްކަމަށާއި، އެކަން ހާސިލުކުރުމަށް ފަރުވާކުޑަކުރުމެއްނެތި މުޅި ސަރުކާރު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

މީގެ އިތުރުން ފައިސަލް ވަނީ އެފަދަކަންކަން ކުރުމަށް އެންމެންގެވެސް އެއްބާރުލުން ބޭނުންވާނެ ކަމަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުންވެސް، އެ މީހަކަށް އެނގިފައި ހުރި އެއްޗެއް އެހެން ފަރާތްތަކަށް ކިޔައިދީ އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

"ފީޓަލް ހާޓް މޯލްޑިވްސް 2019" ވޯކްޝޮޕަކީ ޓައިނީ ހާޓް އޮފް މޯލްޑިވްސް އިން އިސްނަގައިގެން، ފީޓަލް ހާޓްއާއި ގުޅޭ މައުލޫމާތު ޑޮކްޓަރުންނަށް ދިނުމަށް ބޭއްވި ތިން ވަނަ ވޯކްޝޮޕެވެ. އެ ވޯކްޝޮޕްގައި މި އަހަރު ސާދަ ޑޮކްޓަރުން ވަނީ ބައިވެރިވެފަ އެވެ. އެކިއަހަރުތަކުގެ މަތިން ބާއްވާފައިވާ އެ ސިލްސިލާގެ ވޯކްޝޮޕްތަކުން 90 ވަރަކަށް ޑޮކްޓަރުންނަށް މިހާރު މައުލޫމާތު ހިއްސާ ކުރެވިފައިވާކަމަށް ޓައިނީ ހާޓްސްއިން ވަނީ ބުނެފަ އެވެ.