ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އިސްތިއުފާ ދެއްވައި، އުރީދޫ އިންޑޮނޭޝިއާ ކުންފުންޏަށް

އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) އަދި ބޯޑުގެ މެންބަރު ތަވަބާލަން ޕޫބަލަސިންގަމް އިސްތިއުފާ ދެއްކައިފި އެވެ.

އުރީދޫ އިން ބުނީ އުރީދޫ މޯލްޑިވްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) ގެ މަގާމުން ތަވަބާލަން ޕޫބަލަސިންގަމް އިސްތިއުފާ ދެއްވާފައިވަނީ އިންޑޯސެޓް އުރީދޫގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ.

އިންޑޯސެޓް އުރީދޫއަކީ އިންޑޮނޭޝިއާގައި އުރީދޫ ގްރޫޕުން ހިދުމަތްދޭ ކުންފުންޏެވެ. އެ ކުންފުންޏަކީ އިންޑޮނޭޝިއާ ސަރުކާރުގެ 14.29 ޕަސެންޓް ހިއްސާ އާއި ޕަބްލިކްގެ 20.27 ޕަސެންޓް ހިއްސާ އަދި އުރީދޫ އޭޝިއާ ކުންފުނީގެ 65 ޕަސެންޓް ހިއްސާއާއެކު އުފެދިފައިވާ ކުންފުންޏެކެވެ.

އުރީދޫން ބުނި ގޮތުގައި ސީއެފްއޯގެ މަގާމުގައި ހުންނެވި އިރު ތަވަބާލަން ޕޫބަލަސިންގަމް ވަނީ އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި އެހީތެރިވެ ދެއްވާފައި ކަމަށެވެ. އަދި ކުންފުނީގައި މިހާރު ބޭނުންކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި އެވެ.

ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ތަވަބާލަން ޕޫބަލަސިންގަމް ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ތަވަބާލަން ޕޫބަލަސިންގަމް އިންޑޯސެޓުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބުމާ ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ކި އެ މަނިކުފާނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އަށް އެދޭކަމަށް ބުނެފަ އެވެ.