ވިޔަފާރި

ރިސޯޓު ހަދަން އެއް ރަށް ތިން ބަޔަކަށް ކުއްޔަށް ދީފައި!

އދ. އަތޮޅު ފުށިއްގާ-ރަތްދިއްގާގައި ރިސޯޓު ހަދަން ތިން ފަރާތަކަށް ދީ، އެ ފަރާތްތަކުގެ އަތުން ފައިސާ ވެސް ނަގާފައިވާކަން އެނގެން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބައެއް ފަރާތް ތަކުން މި ސަރުކާރުގެ މަސައްކަތް ލަސްވާ ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށާއި، ބައެއް ކަންތައްތައް ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަން ހުރުމުން ކަމަށެވެ.

"މުޅި ސަރުކާރަށް އަމާޒުކޮށް ދައްކާ ބައެއް ފަހަރު ދެކޭ ވާހަކައެއް ސަރުކާރު ލަސްވާ ވާހަކަ. ބައެއް ކަންކަމުގައި ލަސްވޭ. މީގެ އެއްކަމެއް މިއީ، އދ. ފުށިދިއްގާ- ރަތްދިއްގާ. މި ރަށް އެބައޮތް ތިން މީހުންނަށް ދީފައި ކުރީ ސަރުކާރުން. މި ކިޔަނީ އެންމެ އެސެޓެއްގެ ވާހަކަ. މި ފަދަ ކިތަންމެ ކަމެއް އެބަހުރި،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފުށިދިއްގާގައި ރިސޯޓު ހަދަން ދީފައިވާ ތިން ފަރާތުގެ އަތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައިސާ ވެސް ނަގާފައިވާކަން އެނގެން އެބައޮތް ކަމަށެވެ.

"އެއް ބައެއްގެ އަތުން ހަ ލައްކަ ޑޮލަރު ނަގާފަ އޮތީ. އަނެއް ބައެއްގެ އަތުން އިތުރު 1.3 މިލިއަން ޑޮލަރު އޮތީ ނަގާފަ. ދެން އަޅުގަނޑުމެން އަވަސްކުރަން ގޮސް ކިހިނެއް ތޯ ހަދަންވީ. އަޅުގަނޑުމެންނަށް އެއްވެސް މީހަކަށް ގެއްލުންވާ ގޮތަކަށް ކަމެއް ނުކުރެވޭނެ. މި ސަރުކާރުން ކަންތައް ކުރާނީ ގާނޫނާއި ގަވާއިދުގެ ދަށުން. ތިން ރައްޔިތުންގެ ހައްގު ވެސް ނުގެއްލޭނެ ގޮތަކަށް ބަލަން ޖެހޭނީ،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މި މައްސަލަ ބަލަމުން ދިޔައިރު ބައެއް މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގައި ނެތްކަން ވެސް ފާހަގަވެފައިވާ ކަމަށާ މި ރަށުގެ މައުލޫމާތު އާއްމުކުރީ "ރިއަލިޓީ" ދައްކާލުމުގެ ގޮތުން ކަމަށެވެ.

"މި މައްސަލަތަކުގެ ޑީޓެއިލްސް ކޯޓު ތަކުން ހޯދަން ޖެހޭ، މިނިސްޓްރީ ތަކުން ހޯދަން ޖެހޭ. އިންޓާނަލް ތަހުގީގު ހިންގަން ޖެހޭ. ސިޓީ- ބިޓީ އެބަހުރި ފެނިފައި އަނެއްކާ ގެއްލިފައި. މި ޕްރެސްކޮންފަރެންސަށް އައުމުގެ ކުރިން މިިނިސްޓްރީ އަކުން ގުޅާފަ ވިދާޅުވި ފޯޖު ކޮށްފައި އޮތް ސިޓީއެއް ފެނިއްޖެއޭ. މުޅި ދިވެހި ދައުލަތް އެފުށް މި ފުށަށް ޖަހާފަ އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުށިދިއްގާ ފަދަ ކިތަންމެ މައްސަލައެއް ހަމައެކަނި ޓޫރިޒަމް މިނިސްޓްރީގައި އެބަހުރި ކަމަށާއި، ކޮމިޝަނުން ކުރިއަށް ގެންދާ މައްސަލަތަކުގައި މި ފަދަ ކިތަންމެ މައްސަލައެއް ހިމެނޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން. ސަރުކާރުން ސޮޔެއް އެޅުމަށްފަހު ހުންނަން ޖެހޭ އޭގައި ބުރަދަނެއް. ސަރުކާރުގެ ސްޓޭމްޕްތަކާއެކު ސަރުކާރަކާ މިއޮތީ ސޮއިކޮށްފަ. އެހެންވެ ވަރަށް ކޮމްޕްލިކޭޓެޑް ކޭސްތަކެއް މިއީ،" އަލީ ވިދާޅުވި އެވެ.