ހަބަރު

ސަސްޕެންޝަނާ ގުޅިގެން ފުލުހުން ނުރުހުން ފާޅުކުރަނީ

Jul 9, 2019
53

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކުރުމާ ގުޅިގެން ފުލުހުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާފަންނު ގެއަކަށްވަދެ، ފުލުހުން ވަނީ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި އެމީހާއަށް އަނިޔާކުރާ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ މައްސަލައާ ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އެކުލަވާލާފަ އެވެ.

އެ މައްސަލައާ ގުޅިގެން ބައެއް ފުލުހުން ދަނީ ސޯޝަލް މީޑިއާގައި އިހުރިޖާޖް ކުރަމުންނެވެ. އެގޮތުން އެމީހުންގެ ފޭސްބުކް ޕްރޮފައިލަށް ކަޅުކުލައިގެ ފޮޓޯއެއްލައި އެފުލުހުންނާއެކު ތިބިކަންދަނީ ހާމަކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކުގައި "ވިތު ޑީއީޑީ" ވެސް ޖަހާފައިވެ އެވެ. --ޑީއީޑީ އަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓެވެ.

ފުލުހުން ބުނީ، އެކަމާ ގުޅޭ ގޮތުން މިވަގުތު ދޭނެ ކޮމެންޓެއް ނެތް ކަމަށެވެ.

ފުލުހުންގެ އިތުރުން ބައެއް އާންމުންވެސް ދަނީ ސަސްޕެންޑްކުރި ފުލުހުންނާއެކު ތިބިކަން ހާމަ ކުރަން ފޭސްބުކް ޕްރޮފައިލްއަށް ކަޅު ފޮޓޯ ލަމުންނެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިއްޔެ ވަނީ ތަފްސީލްތަކަކާއެކު ފުލުހުން ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން މ.އުޖާލާގެ ބަލާފާސްކުރިއިރު އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވަނީ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފަ ކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާގެ ފަހަތުން ދުވެފައިގޮސް މަގުމަތިން އޭނާ ހައްޔަރުކޮށްފަ ކަމަށެވެ.

މި އޮޕަރޭޝަންގައި މ.އުޖާލާގެއިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އަތުލައިގަންފަ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހާ ގައިގަ ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެފައިވާތީ، އެފަދަ އަމަލުތަކަކީ ދިވެހި ފުލުހުންގެ ކޯޑް އޮފް އެތިކްސް' އަދި 'ކޯޑް އޮފް ކޮންޑަކްޓް' އާއި ހިލާފު އަމަލުތަކެއްކަމުން، ހާދިސާ ހިނގި ރޭ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ތަހުގީގުކުރުމަށް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް އަންގަވާފަ ކަމަށް ބަޔާނުގައިވެ އެވެ.

ދިވެހި ފުލުހުންގެ ފަރާތުން، ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޑަކްޓް' އަދި ނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަފަޅުތައް އަޅަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށްޓަކައި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތައް ހިންގަމުންދާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާނެކަމުގެ ޔަގީންކަންވެސް އަރުވާ ކަމަށް ފުލުހުން ބުންޏެވެ.