ހަބަރު

ކޯޓަށް ހާޒިރުވާން ޔާމީނަށް ޗިޓް ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމިނަލް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ.

އެމަނިކުފާނަށް ޗިޓް ފޮނުވާފައިވަނީ އަންނަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވުމަށެވެ. ނަމަވެސް ކޯޓުން މައްސަލަ ތާވަލުކޮށް، އެ އާންމުކޮށްފައެއް އަދި ނުވެ އެވެ.

ކުރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ދަވަހު ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވައި، ހެކިން ވެސް ހުށަހަޅާފަ އެވެ. އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރު ހިމެނެ އެވެ.

ދެން އޮންނަ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ދެ ފަރާތަށް ވެސް ހުށަހަޅަން ފުރުސަތު ދޭނެ އަޑުއެހުމެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބޭ ހައްގެކެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް އޭނާ ފާހަގަކުރި އެވެ. އެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.