ހަބަރު

އާޒިމާގެ ޝަރީއަތް ފަށަނީ، ޗިޓް ފޮނުވައިފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އާޒިމާގެ މައްޗަށް ދައުވާ އުފުލައި ދައުވާގެ ލިޔުންތައް ހަވާލުކުރީ މިއަހަރުގެ ކުރީކޮޅު ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ޖިނާއީ އިޖުއާތުގެ ގާނޫނުގައިވާ ގޮތުން ލިޔުންތައް ހަވާލުކޮށް މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ފަށަން ޖެހެ އެވެ.

ނަމަވެސް މި މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް އާޒިމާއަށް ޗިޓް ހަވާލު ނުކުރެވިގެން މިވިހާ ދުވަހު އޮތީ ނުފެށި އެވެ. އޭނާ މީގެ ދުވަސްތަކެއް ކުރިން އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. މިފަހުން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

މިހާރު ކުރިމިނަލް ކޯޓުން ވަނީ އާޒިމާއަށް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފަ އެވެ. އެއީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ދުވަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ވެސް ވަނީ ތާވަލުކޮށްފަ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގަ އެވެ. އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލްކަން ކުރައްވާފަ އެވެ.

ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ވެސް އާޒިމާއަށް ކުރެ އެވެ. އެ ދައުވާ ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ ކަމަށް ބުނެ އެވެ.