ހަބަރު

ޓޫރިޒަމް ދާއިރާއަށް ފްލެޓް ސްކީމެއް ހާއްސަކުރަން ޖެހޭ: މިނިސްޓަރު

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށް ލޯން ސްކީމަކާއި ހައުސިން ސްކީމެއް ތައާރަފްކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާ އަކީ ޓޫރިޒަމެވެ. ނަމަވެސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ސްކީމެއްނެތް މައްސަލައަކީ މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ މަންޒިލަކީ ރާއްޖެކަމަށާއި، އެހެންކަމުން އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރަންޖެހޭ ކަމަށެވެ.

"އެހެން ކަމުން، އިއްޒަތްތެރި މެންބަރުންގެ ކިބައިން އަޅުގަނޑު އެދެން، އެހެން ދާއިރާތަކުގެ މީހުން އެޕްރިޝިއޭޓްވާ ގޮތަށް، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އެޕްރިޝިއޭޓް ވާހެން، ރިސޯޓް މުވައްޒަފުންނަށްވެސް ލޯން ސްކީމްތަކާއި ހައުސިން ސްކީމްތައް ލިބޭނެ ގޮތަށް ގާނޫނުތައް ތަރުތީބު ކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އާއިލާއާއެކު ޗުއްޓީ ހޭދަ ނުކުރެވޭ މައްސަލައަކީ އެންމެ ބޮޑު އެއް ޝަކުވާ ކަމަށެވެ. އެކަމަށް ހައްލު ހޯދަންޖެހޭ ކަމަށެވެ.

އެގޮތުން އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމުގައި އެ މިނިސްޓްރީގެ ހިޔާލު އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ. އެކަން ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަން ނިމުމުން ސަރުކާރުގެ މުއައްސަސާތަކާއި މަޖިލީހަށް އެކަން އަންގާނަން، އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރަން، އޭރުން އެމީހުންގެ އާއިލާތަކާއެކު ވަގުތު ހޭދަ ކުރަން ފުރުސަތު ލިބިގެންދާނެ،"

މިނިސްޓަރު ވިދާޅުވީ، ސާވިސްޗާޖްގެ މައްސަލައަކީވެސް ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. ހުރިހާ ރިސޯޓެއް އިންސްޕެކްޓްކޮށްނިމި، އެކަންކަން ރަނގަޅަށް ރެގިއުލޭޓް ކުރެވެން ފެށުމުން ހެޔޮ ބަދަލެއް އެކަމަށްވެސް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.