ހަބަރު

ހުސެއިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ކަލްޗަރަލް ސެންޓަރެއް

ތިނެއް ނޮވެމްބަރު 1988 ގައި ޝަހީދުވި ހުސެއިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ހދ. ކުޅުދުއްފުށީގައި ކަލްޗަރަލް ސެންޓަރެއް އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިވެހިވަންތަ ސަގާފީ އެކިއެކި ހާދިސާތައް އެބަހުރި ކަމަށާއި އެރަށެއްގައި އޮންނަ ގާދީމީ ކަންކަމަކީ ފަހުރެއް ކަމުގައި ރައްޔިތުން ދެކޭ ކަމަށެވެ. އެހެންކަމުން އެފަދަ ތަންތަން ރައްކާތެރިކުރުމަށް ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ބައެއް ރަށްރަށުގައި ކަލްޗަރަލް ސެންޓަރުތައް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށްޓަކައި ގުރުބާންވި މީހުން ގައުމުން އަގުވަޒަން ނުކުރާ ކަމަށެވެ. އެގޮތުން ތިނެއް ނޮވެމްބަރުގައި ޝަހީދުވި ހުސެއިން އާދަމްގެ ވާހަކަ ދައްކަނީ ހަމައެކަނި ތިނެއް ނޮވެމްބަރުގައި އެކަނި ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަނީ ހދ ކުޅުދުއްފުށީގައި ޝަހީދު ހުސެއިން އާދަމްގެ އެ ގުރުބާނީ ފެންނަ ގޮތަށް ކަލްޗަރަލް ސެންޓަރެއް އިންނަންޖެހޭ، އެއީ އަޅުގަނޑުމެންގެ ވިސްނުމުގައި އޮތް ކަލްޗަރަލް ސެންޓަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރ. އަތޮޅު އަނގޮޅިތީމުގައި ވެސް ކަލްޗަރަލް ސެންޓަރެއް ހަދާނެ ކަމަށާއި އެރަށަކީ މަޖިލިސް ރައީސް، ރައީސް ނަޝީދުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށެވެ. އެރަށަކީ ރައީސް ނަޝީދު އަރުވާލި ރަށެވެ. ރައީސް ނަޝީދުގެ އުފަންދުވަހުގެ ކުރިން އެސެންޓަރު އެޅުމަކީ އުންމީދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަހަރު ޕާޓްނާޝިޕަ ފޯރަމްގައި ވާނީ ސައުތުއެފްރިކާގެ އެމްބަސިޑަރާއެކު މަޝްވަރާ ކުރެވިފަ، މިއަންނަ އަހަރުގެ ރައީސް ނަޝީދުގެ އުފަންދުވަހު އެރަށުގައި މަންޑޭލާ ފައުންޑޭޝަނާއި ގުޅިގެން ސައުތު އެފްރިކާއާ ގުޅިގެން ކަލްޗަރަލް ސެންޓަރެއް ގެނައުމަކީ އަޅުގަނޑުމެން ކުރަން ވިސްނާފައި އޮތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީއަކީ ވެސް ވަރަށް ބޮޑު ތާރީހެއް އޮތް ރަށެއް ކަމަށެވެ. އެތަންތަން ދަމަހައްޓަންޖެހޭނެ ކަމަށެވެ. އެގޮތުން އައްޑޫގައި ވެސް ކަލްޗަރަލް ސެންޓަރެއް އަޅަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އދ. ދަނގެއްޗާއި އއ. ތޮއްޑޫ އަދި ލ. އަތޮޅު ގަމުގައިވެސް ކަލްޗަރަލް ސެންޓަރުތަކެއް އަޅަން ނިންމާފައިވާ ކަަމަށެވެ. ޒޯންތަކަށް ބަހާލައިގެން އެކި ޒޯންތަކުގައި ކަލްޗަރަލް ސެންޓަރުތައް ގާއިމް ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.