މީހުން

ދަރިވަރުންގެ ލައިބުރަރީ ތަރައްގީކުރި ޓީޗަރު!

Jul 12, 2019
7

ވަރަށް ގިނަ ސްކޫލްތަކުގައި ލައިބްރައީ ހުރެ އެވެ. އެކަމަކު ފޮތެއް ނުހުރެ އެވެ. ފޮތް ހުއްޓަސް ޒަމާނީ ލައިބްރައީއެއްގެ ސިފައެއް ގިނަ ތަންތަނަކު އަދި ނުހުރެ އެވެ. އެހެންވެ ދަރިވަރުން މަދު ފަހަރަކު ނޫނީ ލައިބްރަރީއަށް ގޮހެއް ނޫޅެ އެވެ. ކުރީން ކުދީން ލައިބްރަރީތައް ފުރާލި ނަމަވެސް މިހާރު ކުދީން ދަނީ ލައިބްރަރީއާ ދުރަށެވެ. ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ވެސް އިހައްދުވަހާ ހަމައަށް ހުރީ އެފަދަ ހާލެއްގަ އެވެ. އެކަމަކު މިހާރު މުޅިން އާ ލައިބްރަރީއެއް މާއެނބޫދޫއަށް ލިބިއްޖެ އެވެ. މި ކަންކުރީ އެރަށު ޒުވާނެކެވެ. އެ ކަމަށް އެހީވީ ގައުމީ ބޭންކުގެ ކޮމިއުނިޓީ ފަންޑުންނެވެ. މި މަސައްކަތް ކުރީ ރަށު ސްކޫލުގެ ޓީޗަރެއް ކަމަށްވާ ނާޝިދު އާދަމެވެ.

"ސްކޫލުގައި އުޅޭއިރު ލައިބްރަރީގެ ހާލަތު އޮންނަ ގޮތް ފެނޭ. އަބަދު ވެސް ބޭނުންވޭ އެތަން ރަނގަޅު ކުރަން. އެކަމަކު އެ ފުރުސަތެއް ނުލިބެނީ. މި ސްކޫލުގައި ވެސް އެބަތިބި ވަރަށް ފޮތް ކިހާ ހިތްވާ ކުދިން. އެކަމަކު މި ލައިބްރަރީގައި ރަނގަޅު ފޮތެއް ނުހުރޭ. އަދި ތަންވެސް ހުރީ ކުދިން އެހާ ވަންނަ ހިތްވާ ގޮތަކަށް ނޫން. އިށީނދެލާނެ ތަނެއްވެސް ނުހުރޭ. އެހެންވެ ބަދަލު ކުރުމުގެ ހިޔާލު އައީ،" މާއެނބޫދޫ ސްކޫލުގައި އެކައުންޓް ޓީޗަރެއްގެ ވަޒީފާ އަދާ ކުރާ ނާޝިދު ވިދާޅުވި އެވެ.

މާއެނބޫދޫ ސްކޫލް ލައިބްރަރީ "ހާލެއްގައި" ހުންނަތާ 10 އަހަރު ވެއްޖެ އެވެ. ސްކޫލުގެ އެހެން ތަންތަން މަރާމާތުކޮށް އާބާތުރަ ފިލުވިއެއްކަމަކު ލައިބްރަރީއަށް ބަލައިލާނެ އަޅައިލާނެ މީހަކު ނުވެ އެވެ.

އެކަމަކު ސްކޫލު ލައިބްރަރީ ބަދަލުކޮށްލައި ޒަމާނީ ތަނަކަށް ހަދައި ދިނުމުގައި ސްކޫލުގެ ޓީޗަރަކު އިސް ނެގީ އެވެ. އެ ސްކޫލުގެ ހިދުމަތުގައި އަށް އަހަރުވީ ތަޖުރިބާކާރު އެކައުންޓް ޓީޗަރަށް މި ހިޔާލު ލިބި ވަޑައިގަތީ އޭނާގެ ރަހުމަތްތެރިއެއްގެ ފަރާތުންނެވެ. އަދި ބީއެމްއެލްގެ އަހަރެންގެ ބޭންކް، ކޮމިއުނިޓީ ފަންޑުގެ އެހީގައި މަސައްކަތުން ވަނީ ލައިބްރަރީ އަށް އިތުރުން ފޮތާއި ތަރައްގީ ގެނެސްފަ އެވެ. ފަސޭހަކަމާއެކު ކުދިން ފޮތް ކިޔަން ތިބެވޭނެ ގޮތް ހަދައި ބަދަލުކޮށްލާފަ އެވެ.

"ސްކޫލަށް ވެސް ކުދިންނަށް ފޮތް މިއީ މުހިންމު ފިޔަވަޅެއް، މީގެ ފައިދާ މުޅި ރަށާއި ރާއްޖެއަށް އޮންނާނެ،" ނާޝިދު ވިދާޅުވި އެވެ.

މާއެނބޫދޫ ސްކޫލުގެ ލައިބްރަރީއަށް ބޮޑު ބަދަލެއް ގެނެސް އަލުން ހުޅުވާއިރު، ތަން ހެދުމުގައި އަމަލީ ގޮތުން ނާޝިދު މަސައްކަތް ކުރެއްވި އެވެ. އޭނާއާއެކު މަސައްކަތުގައި ހެޔޮއެދޭ އެތައް ބަޔަކު ވެސް މަސައްކަތް ކޮށްފައިވެ އެވެ. ކޮމިއުނިޓީ ފަންޑުން ލިބުނު ފައިސާ އިން އެ މަސައްކަތް ފުރިހަމަކޮށް ކުރެވުނީ އެހެންވެ އެވެ.

"މަސައްކަތް ކުރަން ލިބުނު ބަޖެޓުގެ ބޮޑު ބައެއް ހޭދަ ކުރީ ފޮތް ގަންނަން. އިށީންނާނެ ތަންތަން ވހަދާފަ ބާކީ ހުރި ފައިސާ އިން ފޮތް ގަތީ،" ނާޝިދު ވިދާޅުވި އެވެ.

މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ އަޕްގްރޭޑް ކޮށްލުން ވެފައި ވަނީ އެ ރަށު ސްކޫލް ކުދިންނަށް ލިބުނު ހަދިޔާ އަކަށެވެ. މި ހަދިޔާގެ މެދުވެރިއަކީ ނާޝިދެވެ. މި ހަދިޔާގެ ފައިދާ ވަރަށް ބޮޑެވެ.