ހަބަރު

އެކްސްޕޯޓު އަދި އިމްޕޯޓު ކުރި މިންވަރު ދަށަށް!

Jul 11, 2019
1

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަންސް އިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖޫން މަހު 3.5 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު މި އަހަރު ޖޫން މަހު އެތެރެ ކުރި މުދަލުގެ އަގު އަރަނީ 3.3 އަކަށެވެ. އެއީ ފަސް ޕަސަންޓުގެ ވެއްޓުމެކެވެ. އަދި މިދިޔަ އަހަރު ޖޫން މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު 113 އަށް އަރާއިރު މި އަހަރު އެ މަހު އެކްސްޕޯޓު ކުރީ 104 މިލިއަން ރުފިޔާގެ މުދާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލައި އިރު ހަތް ޕަސަންޓު ދަށް ވުމެވެ.

އެހެން ނަމަވެސް ކަސްޓަމްސް އިން ބުނީ ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލައި އިރު 13 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ޖޫން މަހުގައި 235 މިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް މި އަހަރު ލިބުނީ 266 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އިމްޕޯޓު ކުރި މުދަލުގެ އަގުގެ ގޮތުން އެންމެ ގިނައިން މުދާ އެތެކޮށްފައި ވަނީ ޗައިނާ އަދި ޔޫއޭއީ އިންނެވެ. އެއީ 19 ޕަސަންޓެވެ. އަދި އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ޖަރުމަނަށެވެ. އެއީ 42 ޕަސަންޓު ކަމަށް ހިސާބުތަކުން ދައްކަ އެވެ.