މޯލްޑިވްސް ޕޮލިސް ސާވިސް

ވިކްޓިމް އައިޑެންޓިފިކޭޝަން ތަމްރީނުތައް ނިންމާލައިފި

Jul 12, 2019
2

އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަނާއި އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސް ބޭނުން ކުރަން ފުލުހުން ތަމްރީން ކުރަން ހިންގި "ވިކްޓިމް އައިޑެންޓިފިކޭޝަން ސްޕެޝަލިސްޓް" ޕްރޮގްރާމްގެ މާލޭގައި ނިންމާލައި ބައިވެރިނަން ސެޓްފިކެޓް ދީފި އެވެ.

މި މަހުގެ އަށް ވަނަ ދުވު ފަށައި ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ މި ތަމްރީނުތައް ނިންމާލައި ފުލުހުންގެ އިސްކަންދަރު ބިލްޑިންގުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔުނިސެފްގެ ރާޖޭގެ ރެޕްރެޒެންޓޭޓިވް ޑރ. މުނީރު ސަފީލްދީނެވެ.

ފުލުހުންގެ މި ހާއްސަ ޕްރޮގްރާމްގައި ފުލުސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އަށް އިންވެސްޓިގޭޝަން އޮފިސަރަކާއި ޑަރިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ ދެ އިންޓެލިޖެންސް އެނަލިސްޓުން ބައިވެރިވެ ކާމިޔާބު ކަމާއެކު ތަމްރީންތައް ފުރިހަމަ ކުރި އެވެ.

ނިމިގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ޓްރާންސްނެޝަނަލް ޖިންސީ ގޯނާއިން ރާއްޖޭގެ ކުޑަކުދިން ރައްކާތެރި ކުރުމަށް ވަރަށް މުހިއްމު ޓްރޭނިން ޕްރޮގްރާމެއް
ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް | ޑރ. މުނީރު ސަފީލްދީން

އިއްޔެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި މުނީރު ވިދާޅުވީ ކުޑަކުދިން ނުރައްކަލުން ސަލާމަތްކޮށް ކުދިންނާ ގުޅުހުންހުރި މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ގާބިލްކަން މިހާރަށްވުރެ އިތުރު ކުރަން ދިވެހި ފުލުހުން ކުރާ މަސައްކަތް ފާހަގަކުރެއްވޭ ކަމަށެވެ.

އަދި ވިދާޅުވީ ޓްރާންސް ނޭޝަނަލް ކުށްތައް އިތުރުވަމުން ދާއިރު ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވެސް އެފަދަ މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށެވެ.

"ނިމިގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ޓްރާންސްނެޝަނަލް ޖިންސީ ގޯނާއިން ރާއްޖޭގެ ކުޑަކުދިން ރައްކާތެރި ކުރުމަށް ވަރަށް މުހިއްމު ޓްރޭނިން ޕްރޮގްރާމެއް" މުނީރު ސަފީލްދީން ވިދާޅުވި އެވެ. "އަޅުގަނޑު އުންމީދު ކުރަނީ، މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބުނު މައުލޫމާތާއި ހުނަރުގެ ބޭނުން ހިފައި މިހާރަށްވުރެ ރައްކާތެރި މާހައުލެއް ބިނާ ކުރެވިގެންދާނެ ކަމަށް"

ރަސްމިއްޔާތު ފުލުސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފު ވަނީ ޑޭޓާބޭސްގެ މުހިއްމުކަން ފާހަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ދިވެހި ފުލުހުން ކުރާ މަސައްކަތުގައި މި ޑޭޓާބޭސް މުހިއްމު ރޯލެއް އަދާ ކުރާނެ ކަމަށެވެ.

އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކަކުން މިހާރު ބޭނުންކުރާ އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަކީ މީހަކަށް ނުވަތަ ކުއްޖަކަށް އަނިޔާ ލިބެމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފަދަ ހެކި ދިރާސާކޮށް އެ ހެކިތައް ބޭނުން ކޮށްގެން އެ ކުށް ހިންގާފައިވާ ތަނާއި އަނިޔާ ލިބެމުންދާ މީހާއާއި ތުހުމަތުކުރެވޭ މީހާ ދެނެގަނެ އެކަމަށް ފިޔަވަޅު އަޅަން ބައްޓަން ކޮށްފައިވާ ނިޒާމެކެވެ.

މި ނިޒާމު ބޭނުން ކުރުމުން، އަނިޔާއެއް ލިބެމުންދާ މަންޒަރު ފެންނަ ފޮޓޯއާ ވީޑިއޯ ލިބިއްޖެނަމަ، ވިކްޓީމް އައިޑެންޑިފިކޭޝަން ސްޕެޝަލިސްޓުން ފޮޓޯއާ ވީޑިއޯ ރާސާއެއްކޮށް ތަހުގީގީ އުކުޅުތަކާއި ވަސީލަތްތަކުގެ އެހީގައި، އަނިޔާ ލިބެމުންދާ ކުއްޖާ ނުރައްކަލުން ސަލާމަތްކުރަން މަގު ފަހިވެ އެވެ.

މި ކަމަށް ބޭނުންކުރާ އެއް ވަސީލަތަކީ އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭހެވެ. މި ޑޭޓާ ބޭސްގައި ހިމެނޭ އިމޭޖް ކޮމްޕެރިސަން ސޮފްޓްވެއާގެ އެހީގައި ތަފާތު ފޮޓޯތައް އަޅާކިޔައި ފޮޓޯތަކާ ގުޅޭ މައުލޫމާތު މި ޑޭޓާބޭސް ބޭނުންކުރާ ފަރާތްތަކާ ހިއްސާ ކުރުމުގެ ފުރުޞަތު ލިބެ އެވެ.