ބޮލީވުޑް

"ސަޅަކް 2" ގައި އާލިއާގެ ލަވައެއް

އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓް އުފައްދާ "ސަޅަކް 2" ގެ ދެވަނަ ޝޫޓިންގެ މަސައްކަތްތައް ފަށާފަައިވާއިރު މި ފިލްމަށް އާލިއާގެ ލަވަ އެއް ރެކޯޑު ކުރަން ނިންމައިފި އެވެ.

އާލިއާ ވަނީ މީގެ ކުރިން ވެސްް ދެ ފިލްމަކަށް ލަވަ ކިޔާދީފަ އެވެ. އެއީ 2016 ގައި ރިލީޒްކުރި "އުޅުތާ ޕަންޖާބް" އާއި 2014 ގައި ރިލީޒް ކުރި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަށެވެ.

ޖޫހޫ ރެކޯޑިން ސްޓޫޑިއޯގައި ރެކޯޑު ކުރާ މި ލަވަ އަކީ ޖީތު ގަންގޫލީގެ މިއުޒިކަށް ހަދާ ލަވައެކެވެ. އެ ލަވައަކީ ލޯބީގެ ލަވަ އެއް ކަމަށާއި ލަވަ އަންނާނީ ފިލްމުގެ މެދުތެރެއިން ކަމުން މި ލަވައަށް ވަރަށް މަސައްކަތް ކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.

މިހާރު ކުރިއަށް ދަނީ ލަވައިގެ ލިރިކްސް ފައިނަލް ކުރުމުގެ މަސައްކަތެވެ. އާލިއާ އަޑު ގެންގުޅޭ ގޮތާއި ޕިޗް ކުރުމަށް ބަލާފައި މި ލަވައިގެ ޕްރެކްޓިިސްތައް މިހާރު ވެސް ވަނީ ޖައްސަން ފަށާފަ އެވެ.

މި ލަވައިގެ ފައިނަަލް ޓްރެކް ރެކޯޑް ކުރާނީ އޮގަސްޓަށް ފަހު އެވެ.

"ސަޅަކް 2" އަކީ 1991 ގައި މަހޭޝް ބަޓް އުފެއްދި "ސަޅަކް" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ ފިލްމެކެވެ. މި ފަހަރު ފިލްމުގައި އާލިއާގެ އިތުރުން، ދައްތަ އަދި ކުރީގެ ތަރި ޕޫޖާ ބަޓް ވެސް ފެންނާނެ އެވެ. އަދި، އަދިތުޔާ ކަޕޫރު އާއި ސަންޖޭ ދަތު ވެސް ފެންނާނެ އެވެ.

ފިލްމުގެ ކާސްޓުންނާއެކު އާލިއާ ކުރި ޕޯސްޓެއް --

މި ފިލްމު ރިލީޒް ކުރަން ދީފައިވާ ތާރީހަކީ އަންނަ އަހަރު ޖުލައި 10 އެކެވެ. މިއީ އާލިއާގެ ބައްޕަ 19 އަހަރަށް ފަހު ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރާ ފިލްމެވެ.