ހަބަރު

ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުން: ސީޝެލްސް

ރާއްޖޭގެ މިހާރުގެ ލީޑާޝިޕާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ސީޝެލްސްއިން ހާމަކޮށްފި އެވެ.

ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާކަން ސީޝެލްސްއިން ހާމަ ކުރީ، ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ހާއްސަ މަންދޫބު މިސްޓަރު މުހައްމަދު އަފީފް، ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް އެ ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހު ވަނީ މިސްޓަރު މުހައްމަދު އަފީފް ރާއްޖެ ވަޑައިގެންވެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސީޝެލްސްއާއި ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

އަފީފުގެ އެދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ސިޓީފުޅެއް ރައީސް ސޯލުހުއަށް ވަނީ އަރުވާފަ އެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ސީޝެލްއަކީ ކުޑަ ޖަޒީރާ ދެ ގައުމުކަމަށްވާތީ ދެގައުމުގައި ހުރި ބައެއް ކަންކަމަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން އެއް ގައުމުން އަނެއްޤައުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަފީފުގެ ވާހަކަގައި ރާއްޖޭގެ ލީޑާޝިޕަށް މިހާރު އައިސްފައިވާ އެދެވޭ ބަދަލު ފާހަގަކުރައްވައި ރާއްޖޭގެ މިހާރުގެ ލީޑާޝިޕާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ސީޝެލްސުން ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ސީޝެލްސުން ކަނޑުގެ ނަފާ ހޯދުމުގައި އިސްކަންދެނީ ދެމެހެއްޓެނިވި އުސޫލުތަކަށް ކަންކަން ކުރުމުގެ މައްޗަށް ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަގައި އިގްތިސާދީ މަސައްކަތްތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އިންޑިޔާ ކަނޑަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި އިންޑިޔާކަނޑުގައި ސަލާމަތާއި ހަމަޖެހުން ގާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާކަމަށާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ސީޝެލްސްގެ ތާއީދު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.