ހަބަރު

މީހަކު މެރި ދެ ބިދޭސީއަކަށް 20 އަހަރުގެ ޖަލު ހުކުމެއް

ފުވައްމުލަކުގައި 2011 ވަނަ އަހަރު ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ބަންގްލަދޭޝްގެ ތިން މީހަކަށް ބޮޑު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވައިފި އެވެ.

މި މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެފައި ވަނީ ޝަރީފާއި އެމްޑީ ސަލާމް ކިޔާ ދެ މީހެއްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ތިންވަނަ މީހާ ކަމަށްވާ އަލާލުއަށް އިއްވާފައިވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާގެ ހުކުމް އެއް ދަރަޖަ ލުއި ކުރީ އޭނާގެ މައްޗަށް ސާބިތުވީ ކުށުގައި ބައިވެރިވުމުގެ ކުށް ކަމަށްވާތީ އެވެ.

މި ގަތުލު ހިންގާފައިވަނީ 28 ޖޫން 2011ގަ އެވެ. މަރާލާފައިވަނީ ޝަރީފުލް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ މަރާލީ ޝަރީފާއި ސަލާމްކަން އެމީހުން ތަހުގީގަށް ދިން ބަޔާނުންނާއި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހުންނާއި ގަރީނާތަކުން ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ.

ޝަރީފުލް މަރާލާފައިވަނީ އޭނާ ކޮޓަރިއަށް ގެންގޮސް ބިން މައްޗަށް ވައްޓާލައި ކަކުލުން ޖަހައި، ކަރުގައި ޔޫއެސްބީ ވާގަނޑެއް އައްސައި ނޭވާ ހާސްކޮށްލައިގެންނެވެ. އަދި ތަޅުންމަތީގައި ޝަރަފުލްގެ ބޮލުން ތަޅައި، ބޯ އަނބުރާލައި ކަރު ބިންދާލާފައިވާކަން ވެސް ސާބިތުވެ އެވެ. ޝަރަފުލް މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮރުވުމުގައި އެހީވެފައިވަނީ އަލާލެވެ.

މި ހުކުމް އިއްޔެ ކުރިމިނަލް ކޯޓުން އިއްވާފައިވަނީ ގާޒީ އަލީ ރަޝީދު ހުސެއިންނެވެ. މި މައްސަލައަކީ އެ ކޯޓުގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ. ނަމަވެސް ގާޒީ އަލީ ރަޝީދު މި މައްސަލަ ބަލަން ހަވާލުވެވަޑައިގެންނެވީ ވަރަށް ފަހުންނެވެ.

ބިދޭސީންގެ މިފަދަ ކުށްތައް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. މިހާރު ވެސް ބަންގްލަދޭޝްގެ ރައްޔިތުން ޝާމިލުވާ ގިނަ މަރުގެ މައްސަލަތަކެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.