މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް ހިދުމަތަށް ފަންނީ ލަފާ ދިނުމަށް އިނގިރޭސި ތަޖުރިބާކާރަކު ވަޑައިގެންފި

Jul 17, 2019

ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ފަންނީ ލަފާދޭން އިނގިރޭސިވިލާތުގެ ތަޖުރިބާކާރަކު ވަޑައިގެންފި އެވެ.

އިނގިރޭސި ސަރުކާރުގެ އެހީގައި ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީ ކުރަން ފަންނީ ލަފާދެއްވަން ވަޑައިގެންނެވީ ޕޮލިސް ސާވިސް އޮފް ނޯދަން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސާ ހިއު ސްޓެފަން ރޮޑެން އޯޑް އެވެ. އޭނާ ވަނީ މިހާރު މަސައްކަތް ފައްޓަވާފަ އެވެ.

އޭނާ މި މަހުގެ 13 އިން އިން 19 އަށް ރާއްޖޭގައި މަސައްކަތް ކުރައްވާނެ އެވެ. އެ މަސައްކަތުގައި ފުލުސް ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި ދިވެހި ފުލުހާއެކު ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.އަދި ލިބޭ މައުލޫމާތުގެ މައްޗަށް ސާ ހިއު އޯޑް ރިޕޯޓެއް ހުށަހެޅުއްވާނެ އެވެ.

އޭނާގެ ރިޕޯޓްގައި ފުލުހުން ހަރުދަނާކޮށް ކުރިއެރުވަން ގެންނަން ފެންނަ ބަދަލުތައް ހިމަނާއިރު ގާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދެވޭނެ މޮޑެލްތަކާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ތަރައްގީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ދައުވާ އުފުލުމާއި، އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިނާއެކު މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލާނެ އެވެ. އަދި މުއައްސަސާގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތައް ވެސް ހިމަނާނެ އެވެ.

ސާ ހިއު އޯޑް އަކީ ކާކު؟

ސާ ހިއު އޯޑް އަކީ 1977 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ އެކި ފުލުހުންގެ ޚިދުމަތްތަކުގައި މުހިއްމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ނޯދަން އަޔަލެންޑް ގެ ފުލުހުންގެ މުއައްސަސާ ޒަމާނީކޮށް، ޑިމޮކްރެޓިކް އިންސްޓިޓިއުޝަނަކަށް ހެދުމުގައި އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރެކެވެ.