ގައުމީ ފުޓްބޯޅް ޓީމް

ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ޗައިނާ، ސީރިއާ، ފިލިޕީންސް

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް ކޮލިފިކޭޝަންގައި، ވަރުގަދަ ޗައިނާ އާއި ސީރިއާ އަދި ފިލިޕީންސްސާއެކު ރާއްޖެ ގުރޫޕް އޭ ގައި ހިމެނިއްޖެ އެވެ.

ގުރޫޕް އޭގައި ދެން ހިމެނެނީ، ގުއާމް އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަންގައިވެސް، ރާއްޖެ ވަނީ ޗައިނާ އާ ދެކޮޅަށް ނިކުމެފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑުގައި އެޅި ހަރު މެޓްގެ ސަބަބުން، ދަނޑުގެ ވިނަ ގަނޑު އެއްކޮށް މަރުވެގެން ދިއުމުން ޗައިނާ އާ ދެކޮޅަށް ރާއްޖޭގެ ހޯމް މެޗުވެސް ކުޅުނީ ޗައިނާގަ އެވެ.

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި އެ ފަހަރު، ޗައިނާ ވަނީ، ގުރޫޕްގެ ދެ ވަނަ ހޯދައި ކޮލިފިކޭޝަން ބުރުގެ ދެ ވަނަ ރައުންޑަށް ކޮލިފައި ވެފަ އެވެ. އެންމެ ފަހުގެ ކޮލިފިކޭޝަންގައި، ސީރިއާ ވަނީ ވޯލްޑްކަޕަށް ކޮލިފައިވުމާ ވަރަށް ގާތަށް ގޮސްފަ އެވެ. އެޓީމަށް ފުރުސަތު ގެއްލުނީ، އިންޓަ ކޮންޓިނެންޓަލް ކޮލިފައިންނަށް ކޮލިފައި ވުމަށް ކުޅުނު ޕްލޭއޮފް މެޗުގައި އޮސްޓްރޭލިއާ އަތުން ފުރުސަތު ގެއްލުމުންނެވެ.

ރާއްޖެއާ ދެކޮޅަށް ނިކުންނަ ގުއާމްއަކީ، އެންމެ ފަހުގެ ކޮލިފިކޭޝަންގައި ސަރހައްދުގެ ގަދަ ބާރު އިންޑިއާ ބަލި ކުރި ގައުމެކެވެ. އެ ޓީމު ކޮލިފިކޭޝަން ބުރުން ޖާގަ ހޯދީ 5-0 ބޫޓާން ބަލި ކުރުމަށް ފަހު އެވެ.