ރައީސް އަބްދުﷲ ޔާމީން

އާޒިމާއާ ދެކޮޅު ހެއްކަކަށް ރައީސް ޔާމީން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި އެވެ.

މިއީ ރައީސް ޔާމީންގެ ނަން ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ނިމުމަށްފަހު ފުލުހުންގެ އިދާރާއަށް ތަހުގީގަށް ހާޒިރުކުރިއިރު ޔާމީންގެ ވަކީލަކީ ވެސް އާޒިމާ އެވެ. އާޒިމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ ވެސް ރައީސް ޔާމީންްއަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެންނެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ. އަޑުއެހުމުގައި ދެ ދައުވާގެ ތަފުސީލް ޕީޖީގެ ވަކީލުން ވިދާޅުވެ ދެއްވި އެވެ.

ޕީޖީގެ ވަކީލު ވިދާޅުވި ގޮތުގައި އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށްދީފައިވަ ނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެ ފައިސާގެ މައްސަލަ އޭސީސީއިން ތަހުގީގު ކުރަމުންދާތީ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމުގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ އެވެ. އަދި އެކަމުގެ އެގްރިމެންޓް ޑްރާފްޓް ކުރެއްވީ ވެސް އާޒިމާ އެވެ. ނަމަވެސް އެ އެގްރިމެންޓާ ހިލާފަށް އެސްއޯއެފްއިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ އިންވެސްޓް އެކައުންޓަކަށް ޖަމާކުރި ކަމަށެވެ.

އަދި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި ކަމަށް ވަކީލް ފާހަކަުރެއްވި އެވެ. މި މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީނަށް ކުރެ އެވެ.

މަނީ ލޯންޑްރިން ކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯދަން މަސައްކަތް ކުރައްވައި އެ ލިޔުން ހޯއްދަވަވާފައިވާތީ އެވެ. އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. މީގެ ކުރިން ދައުލަތުން ހާމަކޮށްފައިވާ ގޮތުގައި އެކްސްރޯ އެކައުންޓަށް ޖަމާކޮށްފައި ވަނީ ރައީސް ޔާމީން، އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތުން ހޯއްދެވި އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީންގެ އޭގެ އިތުރުން އެސްކްރޯ އެކައުންޓްގެ އެގްރިމެންޓަށް ދިޔައިރު އޭސީސީގެ ރައީސްގެ ގޮތުގައި ހުންނެވި ހަސަން ލުތުފީ އާއި ނައިބު ރައީސްގެ ގޮތުގައި މުއައްވިޒު ރަޝީދު ވެސް އާޒިމާއާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ކުރީގެ ދެ ޓޫރިޒަމް މިނިސްޓަރުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު އަދީބުގެ ނަން ވެސް ހުށަހެޅި އެވެ. އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ކިތާބީ ހެކީގެ ގޮތުގައި ވެސް ގިނަ ހެކިތަކެއް ޕީޖީއިން ހުށަހެޅި އެވެ. އޭގެ ތެރޭގައި ބޭންކް ސްޓޭޓްމެންޓްތަކާއ ޗެކްތަކާއި ރައީސް އޮފީހާއި ބޭންކް ސިޓީތައް ވެސް ހިމެނެ އެވެ. މީގެ ތެރެއިން ބޭންކް ސްޓޭޓްމެންޓްތަކާއި ޗެކްތައް ވަކި މިންވަރަކަށް ސިއްރުކޮށް ދިނުމަށް ޕީޖީއިން އެދުނެވެ. އެ ގޮތަށް އެދުމުން ގާޒީ ވަނީ އޭގައި ހުރި ތިން ވަނަ ފަރާތްތަކުގެ މައުލޫމާތުތައް އުނިކޮށް، އާޒިމާއާ މައްސަލައާ ގުޅޭ މައުލޫމާތުތައް އެކަނި ހިމެނުމަށްފަހު ލިޔުންތައް ދިނުމަށް އަމުރު ކުރައްވާފަ އެވެ.

މައްސަލާގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ގާޒީ ވަނީ ދެ ފަރާތަށް ވެސް 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. އެއަށްފަހު އަންނަ މަހު ބާއްވާ އަޑުއެހުމުގައި އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމައި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އާޒިމާ މިއަދު ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވީ ވަކީލަކާއެކު އެވެ. ނަމަވެސް ވަކާލާތު ކުރެއްވީ އަމިއްލައަށެވެ. އޭނާގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ދެ ވަކީލަކު މިއަދު ވަނީ މައްސަލައިން ތަނާޒަލުވެސްވެފަ އެވެ. އެއީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ދެ ވަކީލުންނެވެ. އާޒިމާގެ ޝަރީއަތުގެ އަޑުއެހުން އެއްސެވުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވެސް ވަޑައިގެންނެވި އެވެ.