މިދިޔަ ފަސް އަހަރު ރާއްޖެ ކުރިއަރަމުން އައި ބާރު ސްޕީޑް ހުއްޓުމަކަށް އައިސް މިހާރު ވަނީ އިގްތިސޯދީ މާޔޫސްކަމެއްގެ ތެރޭގައި ކަަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސޮވެރިން ޑެވޮލޮޕްމެންޓް ފަންޑަށް 570 މިލިއަން ރުފިޔާ ޖަމާވިކަން ރިޕޯޓްކޮށްފައިވާ ހަބަރެއް ޝެއާ ކުރައްވާ ސައީދު ފޭސްބުކު ގައި ވިދާޅުވީ، އެއީ ރާއްޖޭގެ ތަރައްގީ ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް ވާރުތަވަމުން އައި ދަރަނީގެ އަޅުވެތިކަމުން ސަލާމަތްކޮށް، ތަހުޒީބު މުޖުތަމައުއެއް ބިނާ ކުރަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އުފެއްދެވި ފަންޑެއް ކަމަށެވެ.
ދިވެހިންގެ އަތުން ބީވެގެންދިޔަ ތަރައްގީ އަނބުރާ ހޯދަން ރައީސް ޔާމީން އެންމެ ފަސް އަހަރު ކުރެއްވި މަސައްކަތަށް ދިވެހި ތާރީހު ހެކިވާނެ ކަމަށާއި މި ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިޔަށް އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ.
އަދި ވިދާޅުވީ 2013 އިން 2018 އަށް ރާއްޖެ ކުރިއަރަމުން އައި ބާރު ސުޕީޑް މިހާރު ހުއްޓުމަކަށް އައިސް އިގްތިސޯދީ މާޔޫސް ކަމެއްގެ ތެރޭ ރާއްޖެ އޮތް ކަމަށެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނެވެ. އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.