ވިޔަފާރި

ދިލްމާ ސައިފަތުގެ ތަފާތު ރަހަތައް ދައްކާލައިފި

Jul 21, 2019

ދިވެހިންގެ މެދުގައި މަގުބޫލު ސައިފަތް ބްރޭންޑެއް ކަމަށްވާ "ދިލްމާ" ސައިފަތުގެ ގިނަ ރަހަ ތަކެއް ދައްކާލަން ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ސިމްޑީއާ ގްރޫޕާއި ދިލްމާ ކުންފުނި ގުޅިގެން ބޭއްވި ހާއްސަ އެ އިވެންޓުގައި ދިލްމާ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ދިލްހާން ފެނާންޑޯ ބައިވެރިވެވަޑައިގަތެވެ. އޭނާއަކީ ސްރީލަންކާގެ 31 އަހަރުވީ އެ ކުންފުނީގެ ފައުންޑަރު މެރިލް ޖޯސަފް ފެނާންޑޯގެ ދަރިކަލުންނެވެ.

ދިލްމާ ސައިފަތުގެ މި ހާއްސަ އިވެންޓުގައި ސައިފަތުގެ ހަ ވައްތަރެއްގެ ރަހަ ދައްކާލުމާއެކު ސަޔާއެކު ކެއުމުގައި ބޭނުން ކުރެވިދާނެ ބައެއް ލުއި ކާނާތައް ވެސް ދައްކާލި އެވެ. މި ހާއްސަ އިވެންޓުގައި 100 ފަރާތެއް ބައިވެރިވި އެވެ.

ދިލްމާ ސައިފަތް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ސިމްޑީ ގްރޫޕުންނެވެ. މި ސައިފަތް ރާއްޖޭގައި ވިއްކާތާ 20 އަހަރު ވެއްޖެ އެވެ. ދިލްމާ ސައިފަތަކީ 1988 ވަނަ އަހަރު ވުޖޫދަށް އައި ބްރޭންޑެކެވެ.