ދުނިޔެ

އިމްތިހާނުގައި އިށީނީ ވިހޭތާ ބައިގަޑިއިރުތެރޭ!

Jul 21, 2019
1

އެފްރިކާގެ ގިނީގެ ފަތުމަތާ ކޫރުމާ އަކީ ބަލިވެއިނދެ ވިހަން ތައްޔާރުވެފައިވާ 18 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ފާތުމަތާގެ ފިރިއަކުވެސް ހުރެ އެވެ. ފާތުމަތާ އަކީ ކިޔަވަމުން އަންނަ ދަރިވަރެއްވެސް މެއެވެ. އެކަމަކު ބަލިވެ އިނދެ ވިހަން ތައްޔާރުވެފައިވާ މާބަނޑު އަންހެނަކު ތައްޔާރުވާ ފަދައިން ފާތުމަތާ ތައްޔާރުވަމުން ދިޔައީ ވިހަން ހޮސްޕިޓަލަށް ދާކަށް ނޫނެވެ. އޭނާ ތައްޔާރުވަމުން ދިޔައީ ބޯމަތިވަމުން އައި އިމްތިހާނުން ފާސްވާން އިމްތިހާނު ހޯލަށް ދާށެވެ.

މިދިއަ ހޯމަ ދުވަހު ކިޔެވުމާއި ފިލާވަޅުތައް ދަސްކުރުން ނިންމާލުމަށްފަހު ފާތުމަތާ ނިދަން އޮށޯތީ އަންގާރަ ދުވަހު އިމްތިހާނު ހަދަން ދާށާއި އެ އިމްތިހާނުން ފާސްވުމުގެ އުންމީދުގަ އެވެ. އޭރު އޭނާގެ ބަނޑުގައި ކުޑަ ރިހުމެއް ހުއްޓެވެ. އެކަން މާ ބޮޑު ކަމަކަށް ފާތުމަތާ ނުހަދަ އެވެ. ބަނޑުގައި ރިއްސާކަން ފިރިމީހާށް ވެސް ނާންގާ އަންގާރަ ދުވަހު ހެނދުނު ފަތުމަތާ ގެއިން ނުކުމެގެން ނައްޓައިލީ ގަޑިއަށް ގޮސް އިމްތިހާނު ހެދުމުގެ ބޭނުމުގަ އެވެ. ފިރިމީހާއަށް އެނގިއްޖެއްޔާ ގޭގައި މަޑުކޮށްލަން އަމުރުކޮށްފާނެ ކަމުގެ ބިރު ވެސް އޮތުމުންނެވެ. އަދި އިމްތިހާނު ހަދަން ބޭނުންވެފައިހުރިވަރު ވެސް ބޮޑު ކަމުންނެވެ.

ފަތުމަތާ ތައުލީމު ހާސިލްކުރަމުން ދިޔަ ޔުނިވާސިޓީގެ ދޮރުމައްޗަށް އެރުމުން، ކަންތައްވީ އޭނާ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ޔުނިވާސިޓީގެ މުވައްޒިފުން އޭނާ އަނބުރާ ފޮނުވާލީ އެވެ. އަދި އެވެސް ހޮސްޕިޓަލަށެވެ. ވިހަން ތައްޔާރުވެފައިވާކަން ފަތުމަތާއަށް ރޭކަލީ އޭނާ ހޮސްޕިޓަލަށް ގެންދެވުމުންނެވެ. އެހިސާބުން ބަނޑުގައި އެހާވަރަށް ރިއްސި ސަބަބު ފަތުމަތާއަށް ރޭކާލި އެވެ.

ވިހެއުމަށްފަހު އެހެން މީހުން ހަދާހެން ދަރިފުޅު އުރާލާ ބަލައިލުމުގެ ބަދަލުގައި ފަތުމަތާ އަވަސްވެގަތީ އަނެއްކާވެސް ޔުނިވާސިޓީ އަށް ގޮސް އިމްތިހާނު ހަދާށެވެ. އޭރު ފަތުމަތާ އޭނާގެ ދަރިފުޅު ވިހޭތާ ވަނީ އެންމެ 30 މިނިޓެވެ. ގަޑިއަށް ދާން މަސައްކަތް ކުރި ނަމަވެސް ފަތުމަތާއަށް އިމްތިހާނު ހޯލާއި ހަމައަށް ދެވުނު އިރު ވަނީ ގަޑި ޖެހިފަ އެވެ. އެއްކޮށް ކިޔަވަމުން އައި ރަހުމަތްތެރިން ތިބީ އިމްތިހާން ހޯލުގައި އިމްތިހާނު ހަދާށެވެ.

އެކަމަކު މިފަހަރު ކުރިން ހެދިހެން ފަތުމަތާ ފޮނުވާލުމުގެ ބަދަލުގައި އިމްތިހާނު ހަދަން ވެއްދި އެވެ. އިމްތިހާނު ހަދަން ބޭނުންވެފައި އިންލެއް ބޮނޑުކަމުން އޭނާއަށް ތަދުގެ އެއްވެސް އިހްސާސެއް ވެސް ނުވެ އެވެ.

"ވިހައިގެން އަހަނަށް ދެވުނު އިރު އިމްތިހާނު ހަދަން ވަނީ ފަށާފައި. އެކަމަކު އިމްތިހާނު ހޯލު ބަލަހައްޓަން ތިބި މީހުން އަހަރެން ވެއްދި، އިމްތިހާނު ހަދަމުން ދިޔައިރު އެއްވެސް ވަރަކަށް ތަދުގެ އިހްސާސެއް ނުކުރެވޭ،" ފަތުމަތާ އޭނާގެ ވާހަކަށް ބީބީސީއަށް ކިޔައިދެމުން ބުންޏެވެ.

އިމްތިހާނަށް ފަހު ފަތުމަތާ އޭނާގެ އަލަތު ދަރިފުޅު ބަލައިލާ އުރާލަން އެނބުރި ހޮސްޕިޓަލަށް ދިޔަ އެވެ. ފަތުމަތާ އާއި އޭނާގެ ދަރިފުޅުގެ ހާލުވެސް މުޅީން ރަނގަޅެވެ.

އަށާރަ އަހަރުގައި ބަނޑުބޮޑުވެ އިނދެ ތައުލީލު ހާސިލް ކުރުމަކީ އެޕްރިކާގެ ގައުމުތަކުގައި އާންމު ކަމަކެވެ. އެފަދަ ކަމަކާ ގުޅޭ ގާނޫނެއް ވެސް ގިނަ ގައުމުތަކުގައި ނޯވެ އެވެ. އަދި ބަނޑު ބޮޑު މީހަކަށް އެކަށީގެންވާ މާހައުލެއްގައި ހުރެ ތައުލީމު އުގެނުމުގެ ފުރުސަތެއް ވެސް އެފްރިކާގެ ގިނަ ގައުމުތަކުގައި ނޯވެ އެވެ. -- ބީބީސީ