ޓޫރިސްޓް އެރައިވަލް

ފުރަތަމަ ކްއާޓަރުގައި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދަށް ރެކޯޑު އިތުރުވުމެއް

Jul 22, 2019

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމްގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ އިން މާޗު މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން 3,024,454 ރޭ ވަނީ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 10.3 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި މުއްދަތުގައި އަލަށް ހަތް ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި 28 ގެސްޓްހައުސް ހުޅުވައި 426 އެނދު އިތުރުވެފައިވެ އެވެ. މި މުއްދަތުގައި އެއް ސަފާރީއެއް ވިޔަފާރި ނެރެ ދެ ހޮޓާ ހުޅުވާފައިވެ އެވެ.

ދެ ބިލިއަން ރުފިޔާގެ އާމްދަނީ ޓޫރިޒަމުން

ފުރަތަމަ ކްއާޓަރާ ހަމަ އަށް ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން 836 ތަނެއް ހިންގަމުން ދިޔަ އެވެ. މި މުއްދަތުގައި ރާއްޖޭގައި ޖުމުލަ އެނދު 47,095 ރަޖިސްޓްރީކޮށްފައި ވާއިރު، 44,707 އެނދު އޮޕަރޭޝަނަށް ނެރެފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 139 ރިސޯޓެއްގައި ހުރި 31,165 އެނދާއި 12 ހޮޓަލެއްގައި ހުރި 1,865 އެނދުގެ އިތުރުން 533 ގެސްޓް ހައުސްއެއްގައި ހުރި 8824 އެނދެވެ. މީގެ އިތުރުން 152 ސަފާރީއެއްގައި 8561 އެނދު އެބަހުއްޓެވެ.

މި މުއްދަތުގައި ޓޫރިޒަމާ ގުޅުންހުރި ދާއިރާ ތަކުން ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 241 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓޫރިޒަމް ރެޖިސްޓްރޭޝަން ލައިސަންސް ފީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ މުއްދަތު އިތުރުކޮށްގެން 76 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 419 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި ތިން މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.