ރިސޯޓް

ކުންފުނި ހެދުމުގެ ކުރިން ރިސޯޓު ހަދާނެ ފަޅެއް ދިން: މިނިސްޓްރީ

ކުންފުނި އުފެއްދުމުގެ ކުރިން، ކުރީގެ ސަރުކާރުން ބަޔަކަށް ފަޅެއް ދީފައިވާކަން އެނގެން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވީ ރިސޯޓެއް ހަދަން އެ ފަޅު ދޫކޮށްފައިވަނީ ކުންފުނި އުފެއްދުމުގެ މާ ކުރިން ކަމަށެވެ.

"އުފަން ނުވާ ކުންފުންޏަކަށް ލީސްކޮށްފައި އޮތް ފަޅެއް މިއީ. ނަމަވެސް ކުރީގެ ބަންޑާރަ ނައިބު އެބައޮތް ލަފާ ދެއްވާފަ، އެހެން ނަމަވެސް ތިޔަހެން ވެފައެއް ނޫންހޭ ތިޔަ އޮތީ. ކުރިއަށްދާށޭ. އެކަމަކު މި ބުނަނީ މި ރަށް ލީސްކުރިއިރު ގާނޫނީ ގޮތުން ކުންފުންޏެއް ނެތޭ،" ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ރަށުގެ މައްސަލާގައި އަލުން މިހާރުގެ އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ފަރުވާ ކުޑަވެލާފަ ކުރިއަށް ދެވިދާނެ. އެއީ ކުރީގެ ބަންޑާރަ ނައިބު އޮތީ ރަނގަޅަށޭ އެކަން އޮތީ ވިދާޅުވެފައި. ނަމަވެސް މިހާރުގެ ބަންޑާރަ ނައިބުގެ ލަފަޔަކަށް އަޅުގަނޑު ވާނީ އެދިފައި،" އަލީ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ކ. އަތޮޅުގެ އެ ފަޅުގައި ރިސޯޓު ހަދަން އުފައްދާފައިވަނީ ސަނީ ހޯލްޑިންގްސް ކިޔާ ކުންފުންޏެކެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިދިޔަ މަހު ބޭއްވި ނޫސް ކޮންފަރެންސުގައި ވަނީ އެއް ރަށް ތިން ފަރާތަކަށް ދިން މައްސަލައެއް ފެންމަތިކޮށްފަ އެވެ. ތިން ފަރާތަކަށް ދޫކޮށްފައި ވަނީ އދ. އަތޮޅު ފުށިދިއްގާ-ރަތްދިއްގާ ކިޔާ ރަށެކެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓު ހަދަން 30 ފަޅެއް ވަނީ ކުރީގެ ސަރުކާރުން ދޫކޮށްފަ އެވެ.