ހަބަރު

ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ގަހެއްގެ ގޮފިގަނޑެއް ވެއްޓި ސައިކަލެއްގައި ދިޔަ މީހެއްގެ ގަައިގައި ޖެހި އަނިޔާވެއްޖެ އެވެ.

ގޮފިގަނޑު ވެއްޓުނީ އަމީރު އަހްމަދު މަގު ހުރަވީ ބިލްޑިން ކަންމައްޗަށްވާ ގޮތަށް ހުރި ގަހަކުންނެވެ. ފުލުހުން ބުނީ، އެ ގޮފިގަނޑުން ޖެހި އަނިޔާވި މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފި ކަމަށެވެ. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.

މާލެ އާއި އަތޮޅުތަކުގެ ތެރޭގެ ގިނަ ސަރަހައްދުތަކަށް މިހާރު ދަނީ ގަދަ ވަޔާއެކު ވިއްސާރަ ވެހެމުންނެވެ. މިދިޔަ ހަފުތާ އިން ފެށިގެން ބައެއް ރަށްރަށަށް އުދަ އަރާފައިވާއިރު ވައިގަދަވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވެސް ލިބިފައި ވެއެވެ.

މޯލްޑިވްސް މީޓިއޮރޮލިޖަކަލް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނުން ފަށައިގެން މާދަމާ ހެނދުނަށް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ އެވެ. އަދި ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.