ވިޔަފާރި

ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިންޑިއާ

ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް ފުރަތަމަ ފަހަރަށް އިންޑިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އިންޑިޔާ ކަމަށާއި ރާއްޖޭގެ ޓޫރިޒަމްގެ ދެވަނަ ގައުމުގެ މަގާމަށް އިންޑިއާ އައިމިއީ ފުރަތަމަ ފަހަރު ކަމަށެވެ.

"ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް މާކެޓުގެ ތެރޭގައި އަވަށްޓެރި އިންޑިއާ މިވަނީ ދެވަނަ އަށް ޖެހިލާފަ. މިއީ ފުރަތަމަ ފަހަރަށް. އިންޑިއާ މާކެޓުން ގާތްގަނޑަކަށް 99 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވޭ،" އަލީ ވިދާޅުވި އެވެ.

އެއްވަނަ ޗައިނާއަށް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 140،266 ޓޫރިސްޓުންނާއެކު 16.3 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މީހުން އައި އިންޑިއާ އިން 82،140 މީހުންނެވެ.

މިދިޔަ މަހު 18.7 ޕަސެންޓުގެ ކުރިއެރުމެއް

މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖެ އަށް 113,475 މީހުން ވަނީ އައިސްފަ އެވެ. މިދިޔަ މަހު ޓޫރިޒަމަށް 18.7 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. މިހާތަނަށް ޖުމްލަ 862,589 މީހުން އައިސްފައިވެ އެވެ. ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޔޫރަޕުންނެވެ. އެ ސަރަހައްދުން 37,678 މީހުން އައިސްފައިވެ އެވެ. މި ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު 16.5 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ޔޫރަޕުން ޖުމްލަ 433,847 މީހުން އައިސްފައިވެ އެވެ.

އޮކިއުޕެންސީ ހުރީ 63 ޕަސެންޓުގައި

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޖޫން މަހުގެ ނިޔަލަށް ޓޫރިސްޓުން ބައިތިއްބަން 48,825 އެނދު ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އަދި މީގެތެރެއިން 45,772 އޮޕަރޭޓް ކުރަމުންދެ އެވެ. އަދި މި މުއްދަތުގައި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ވަނީ 14.5 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ މަހު 5,420,175 ރޭ ވަނީ ޓޫރިސްޓުން ހޭދަކޮށްފަ އެވެ. މި މުއްދަތުގައި ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ 63 ޕަސެންޓުގަ އެވެ. އަދި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި މަޑުކޮށްފައިވަނީ އެވްރެޖުކޮށް ހަ ރެ އެވެ.