ހަބަރު

ޔާމީން ރަޝީދު މައްސަލަ ދިގުލައިގެންދަނީ ވަކީލުން ހާޒިރުނުވާތީ: ގާޒީ

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ދިގުދެމިގެންދަނީ އެކި ސަބަބުތަކާހުރެ ވަކީލުން ހާޒިރު ނުވުމުގެ ސަބަބުން ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމެކެވެ. ނަމަވެސް ހައިޝަމް ރަޝީދުގެ ވަކީލް އަހުމަދު ޔާމީން ހާޒިރު ނުވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ވަކީލް އަހުމަދު ޔާމީން ހާޒިރުވެވެންނެތް ކަަމަށާއި އޭނާއަށް ހާޒިރުވެވެންނެތީ ބަލިހާލަތު ހުރި ގޮތުން ކަމަށްވެސް ކޯޓަށް އަންގާފައިވާ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތް ކެންސަލް ނުކޮށް ބާއްވަން ނިންމެވީ ވަކީލުންނަށް އިލްތިމާސް ކުރުމަށް ކަމަށެވެ.

ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ ޝަރީއަތް ދިގުލައިގެން ގޮސްފައިވަނީ ދިފާއީ ވަކީލުން އެކި ސަބަބުތަކާ ހުރެ ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން ކަމަށެވެ. އަދި ދިފާއީ އެއްވެސް ވަކީލެއް ހާޒިރުނުވުމުން ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ ދިފާއެއްގެ ހައްގެއް ގެއްލިގެންދާނެތީވެ އަޑުއެހުން ފަސް ކުރަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ޝަރީއަތަށް ހާޒިރުވުނެވޭނަމަ ބަދަަލުގައި އެހެން ވަކީލެއް ހަމަޖައްސައި މައްސަލަ ކުރިއަށް ގެންދެވޭނެގޮތް ހަދަންޖެހޭ ކަމަށެވެ. އަދި މަގުބޫލު އުޒުރެއްނެތި ވަކީލުން ހާޒިރުނުވާނަމަ ބާ ކައުންސިލަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އިސްމާއިލް ރަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު ޝަފީގް ވިދާޅުވީ ވަކީލުންނަކީ ގިނަ މައްސަލަތަކެއްގައި ކޯޓަށް ހާޒިރުވާންޖެހޭ ބައެއް ކަމަށާއި އެހެންކަމުން އަޑުއެހުންތަކަށް ހާޒިރުނުވެވޭފަދަ ކަމެއް ދިމާވެދާނެ ކަަމަށެވެ. އަދި ދިގު މުއްދަތެއްވަންދެން މި މައްސަލާއާ ހަވާލުވެގެން ތިއްބެވި ވަކީލުން ހާޒިރުނުވޭނަމަ ބަދަލުގައި އެހެން ވަކީލެއް ފޮނުވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަށް ގާޒީ ވިދާޅުވީ މިހާރުވެސް މައްސަލަ ލަސްވެފައިވާ ކަމަށާއި ކޮންމެ މީހެއްގެ ވަކީލުންގެ ގޮތުގައި ދެ ވަކީލަކު އެބަ ތިބި ކަމަށެވެ. އަދި މައްސަލަ ތައާވަލް ކޮށްފައިވާ ދުވަހަކަށް ނިންމަން ބޭނުންވާ ކަމަށާއި އެހެންކަމުން ވަކީލަކަށް ނާދެވޭނެނަމަ ބަދަލުގައި ވަކީލަކު ފޮނުވައި ޝަރީއަތް އަވަހަށް ނިންމަން މަސައްކަތްކޮށްދޭންޖެހޭ ކަމަަށްވެސް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ މައްސަލަަ މި ހަފްތާއަށް ތައާވަލްކުރަން އެދިފަ އެވެ. ނަމަވެސް ދިފާއީ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެގޮތުން އަޑުއެހުންތައް ވަނީ ދުރާލާ ކުރިން ރާވާފައިވާ ކަމަށާއި އެހެން ދުވަސްތަކުގައި އަޑުއެހުންތައް ބާއްވާނަމަ ހާޒިރުވާން ދަތިވެދާނެ ކަމަށެވެ.

ގާޒީ އަލީ ރަޝީދު ހުސެއިން ވަނީ އިތުރު އަޑުއެހުމެއް މި ހަފްތާގައި ނުބާއްވަން ނިންމައި ކުރިންވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދަން ނިންމާފަ އެވެ. އަދި މިއަދުގެ ޝަރީއަތުގެ ބަދަލުގައި އެހެން ހަފްތާއެއްގައި ދެ ޝަރީއަތް ކުރިއަށް ގެންގޮސް މައްސަލަ ތާވަލް ކޮށްފައިވާ ދުވަހަކަށް ނިންމަން ބޭނުންވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި މިއަދު ހެކިބަސް ނަގަން ނިންމާފައިވާ ދެ ހެކިވެރިންގެ ހެކިބަސް ނެގުން އޮންނާނެ އެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.