ދުނިޔެ

އިންޑިއާގެ ޗަންދްރަޔާން 2 ހަނދަށް ފޮނުވައިފި

މިދިޔަ ހޯމަ ދުވަހު އިންޑިއާއިން ހަނދަށް ފޮނުވަން އުޅެނިކޮށް މައްސަލަ ޖެހި ދަތުރު މަޑު ޖައްސާލަން ޖެހުނު ޖައްވީ އުޅަނދު "ޗަންދުރަޔާން 2" މިއަދު މެންދުރު ކާމިޔާބުކަމާއެކު ހަނދަށް ފޮނުވާލައިފި އެވެ.

ޗަންދުރަޔާން 2 މިއަދު ހަނދަށް ފޮނުވާލީ އިންޑިއާގެ ގަޑިން 2:43 ގަ އެވެ. މިދިޔަ ހޯމަ ދުވަހު ޗަންދްރަޔާން 2 ހަނދަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފަ އެވެ. މިފަހަރު ޗަންދްރަޔާން 2 ހަނދަށް ފޮނުވާލީ އެ ހުރިހާ މައްސަލަތައް ހައްލު ކުރުމަށްފަހު އެވެ. އެހެންކަމުން މިހާރު އިންޑިއާ ވެގެންދާނީ ހަނދުގެ ދެކުނު ފަޅިއަށް ޖައްވީ އުޅަނދެއް ފޮނުވި ފުރަތަމަ ގައުމަށެވެ. އަދި ހަނދަށް ޖައްވީ އުޅަނދެއް ފޮނުވި ހަތަރުވަނަ ގައުމަށެވެ.

ޗަންދްރަޔާން 2 ހަނދަށް ފޮނުވާލުމުން ބޮޑުވަޒީރު ނަރެންދްރާ މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ޓެކްނެލޮޖީ އާއި ސައިންސްގެ ގޮތުން އިންޑިއާއަށް ފަހުރުވެރި ދުވަހެއް ކަމަށެވެ. އަދި މިއީ އިންޑިއާ ކޮންމެ ރައްޔިތަކުވެސް ފަހުރެވެރިވާނެ ދުވަހެއް ކަމަށެވެ. އިންޑިއާގެ ޖައްވީ ގާބިލުކަން އިތުރު ކުރުމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމެކެވެ.

މީގެ ކުރިން 2008 ވަނަ އަހަރު އިންޑިއާއިން އުދުއްސި ޗަންދުރަޔާން 1 ހަނދުގައި ޖައްސާފައެއް ނުވެ އެވެ. ނަމަވެސް އެ އުޅަނދުވަނީ ރާޑަރުތައް ބޭނުން ކޮށްގެން ހަނދުން ފެނުގެ އަސަރެއް ފެނޭތޯ ތަފްސީލު ދިރާސާއެއް ކޮށްފަ އެވެ. މި ފަހަރުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އިންޑިއާގެ އަމާޒަކީ 2022 ވަނަ އަހަރު މީހުނާއެކު ހަނދަށް ފޭބުމެވެ.