ޓޫރިޒަމް

ޓޫރިޒަމްގެ އާ މާސްޓަ ޕްލޭން އިފުތިތާހު ކުރުމުން 29 ގައި

ރާއްޖޭގެ ޓޫރިޒަމްގެ ފަސް ވަނަ މާސްޓަ ފްލޭން އިފުތިތާހު ކުރުން މި މަހުގެ 29 ވަނަ ދުވަހު އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދަރުބާރުގޭގައި ބާއްވާ އެ އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އޭގެތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ބޯޑުގެ މެންބަރުން ވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަސް ވަނަ މާސްޓަ ޕްލޭން ތައާރަފު ކުރަން ބާއްވާ ހަފުލާގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަފުތަރުގެ މަސައްކަތް ފެށުން ވެސް އޮންނާނެ ކަމަށެވެ.

"ލައިފްގާޑް ޕްރޮގްރާމު ލޯންޗް ކުރުން ވެސް އޮންނާނެ. ދުނިޔޭގެ ޓޫރިޒަމްގެ ދުވަހާ ގުޅިގެން ރާއްޖޭގައި ފަށަން ތައްޔާރުވާ ޕްރޮގްރާމު ލޯންޗް ކުރުންވެސް އޮންނާނެ،" އަލީ ވިދާޅުވި އެވެ.

ރާއްޖޭގެ ހަތަރު ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. އެ ޕްލޭން ހަދާފައި ވަނީ 2013 އިން 2017 ގެ ނިޔަލަށް ކުރަން ހާއްސަ ކަންތައްތަކެއް ކަނޑައަޅާފަ އެވެ. އެ އެ މާސްޓާ ޕްލޭނުގެ މައިގަނޑު އަމާޒަކަށް ހަދާފައި އޮތީ ޓޫރިޒަމަށް ހާއްސަ އިންފްރާސްޓްރަކްޗާ ބިނާ ކުރުމާއި ޓޫރިޒަމް ތަރައްގީ ކުރާނެ ޒޯނު ތަކެއް ކަނޑައެޅުމެވެ. އެ މާސްޓަ ޕްލޭންގެ ދަށުން ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ ވަނީ ގާއިމްކޮށްފަ އެވެ. މިހާރު ރާއްޖޭގައި 45،000 އަށްވުރެ ގިނަ އެނދު އޮޕަރޭޓް ކުރަމުން ގެންދެ އެވެ.