ފޭރުން

ޑޮލަރު ފޮއްޓެއް ފޭރުނު ކަމަށް ބުނެ އޮޅުވާލި މައްސަލައެއް ބަލަނީ

Jul 23, 2019

ޗާންދަނީ މަގުގައި ހުންނަ ފައިސާގެ މުއާމަލާތް ކުރާ ތަނަކުން އޮޅުވާލައިގެން 30،000 ޑޮލަރުގެ ހުރި ފޮއްޓެއް ފޭރުނު ކަމަށް ބުނާ މައްސަލައަކާއި ފޭރުމާ ގުޅިގެން ތުހުމަތުކޮށް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން މިރޭ ބުނީ ޗާންދަނީ މަގު ވެސްޓަން ޔޫނިއަން ކައިރިން ރޭ މާރާމާރީއެއް ހިންގައިގެން ރިޕޯޓް ކުރި ކަމަށެވެ. ފުލުހުން އެ ތަނަށް ދިޔައިރު އެއީ ފޭރުމާއި ގުޅިގެން މީހަކަށް ތުހުމަތުކޮށް އަނިޔާ ކުރި މައްސަލައެއްކަން އެނގުނު ކަމަށެވެ.

އަދި ބުނީ އެ ސަރަހައްދުގައި ހުރި ފައިސާގެ މުއާމަލާތް ކުރާ ފިހާރައަކުން 20،000 އެމެރިކާ ޑޮލަރާއި 30،000 އާ ދެމެދު އަދަދަކަށް ޑޮލަރު އަޅާފައި ހުރި ފޮއްޓެއް ފޭރިގެންފައިވާ ކަމަށް ވެސް ފިހާރައިން ރޭ ބުނި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގެއް ފަށައި ފޭރުނު މީހާ ހޯދުމުގެ މަސައްކަތް ކުރާއިރު މިހާތަނަށް ބެލި ބެލުމުން ފޭރިގަތް ފޮށީގައި އެވެސް އަދަދަކަށް ފައިސާއެއް ނެތެވެ. ފޭރުނީ ފައިސާ ހުރި ފޮށީ ނޫން އެހެން ފޮއްޓެއް ކަމަށް އެނގިފައިވާ ކަމަށެވެ.

ޑޮލަރު އަޅާފައި ހުރި ފައިސާ ފޮއްޓެއް ފޭރިގަަތީ ކޮން ތަނަކުން ކަމެއް އަދި ސާފެއް ނުވެއެވެ. ވެސްޓަން ޔޫނިއަނަކީ ފައިސާގެ މުއާމަލާތް ކުރާ ތަނަކަށް ވިޔަސް ރޭގެ ހާދިސާ އައިސްފައި ވަނީ ވެސްޓަން ޔޫނިއަނުން ކަމެއް ފުލުހުންނެއް ވެސް ނުބުނެ އެވެ.