ދުނިޔެ

ޓްރަމްޕްގެ ވާހަކަތަކަށް އަފްޣާނިސްތާނުން ރައްދެއް ދީފި

ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އަފްޣާނިސްތާނު ދުނިޔެއިން ނައްތާލަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި، ސަބަބު ސާފުކޮށްދެއްވަން ޖެހޭ ކަމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާނާއެކު ބޭއްވި ބައްދަލުވުމަށްފަހު ޓްރަމްޕު ވިދާޅުވީ، ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދުގައި ގާއިމުވެފައި އޮންނަ ޓެރަރިސްޓު ޖަމާއަތެެއް ކަމަށްވާ ތާލިބާން ޖަމާއަތް ހަފުތާއެއްގެ ތެރެގައި ބަލިކޮށް ނައްތާލެވިދާނެ ކަމަށާއި ނަމަވެސް އެ ހަނގުރާމައިގައި 10 މިލިއަން މީހުން މަރުވެގެންދާނެ ކަމަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް ޓްރަމްޕު ވިދާޅުވެފައި ވަނީ، ތާލިބާނުން ނައްތާލަން ޖެހޭނަމަ އަފްޣާނިސްތާނަށް ބޮން އަޅަން ޖެހޭ ކަމަށެވެ. ޓްރަމްޕު މިހެން ވިދާޅުވުމުން އަފްޣާނިސްތާނު އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮނޑަށް ހީނަރުވެފަ އެވެ.

އިމްރާން ހާނާއާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ޓްރަމްޕު ދެއްކެވި ވާހަކަތައް ކުށްވެރިކުރައްވަމުން، އަފްޣާނިސްތާނުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ބޭރު ގައުމެއްގެ އަސްކަރީ ބާރަކަށް އެ ގައުމުގެ މުސްތަގުބަލް ކަނޑައެޅުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

އެމެރިކާއިން ވަނީ 19 އަހަރު ވަންދެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކޮށް ނާކާމިޔާބުވެފަ އެވެ. ޓްރަމްޕު ވިދާޅުވީ، ކުރީ އަހަރުތަކުގައި އެމެރިކާގެ ސިފައިން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރީ ޕުލުހުން ކުށްވެރިންނާ މެދު އަމަލު ކުރާ އުސޫލުން ކަމަށެވެ. ސިފައިންގެ ގޮތުގައި ހަނގުރާމަ ކުރިނަމަ ތާލިބާނުން ބަލިވެފައިވީސް ކަމަށެވެ.

ނަމަވެސް މިހާރު ޓްރަމްޕު ބޭނުންވަނީ ޕާކިސްތާނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދީގެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރުވުމަށެވެ. ޓްރަމްޕު ވިދާޅުވީ ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމާއިގައި އެމެރިކާއިން ޕާކިސްތާނަށް 1.3 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީދޭނެ ކަމަށެވެ.