މަރުގެ ހުކުމް

މަރުގެ ހުކުމާ ގުޅޭ ގޮތުން އިމްރާނާ ސުވާލު ކުރަން ހުށަހަޅައިފި

މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފި އެވެ.

މިނިސްޓަރު އިމްރާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މަރުގެ ހުކުމާ ގުޅޭ ގޮތުން ސުވާލު ކުރަން މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ.

މިނިސްޓަރު އިމްރާން ހާޒިރުކޮށްދިނުމަށް ޓޮމް މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގައި ވިދާޅުވެފައި ވަނީ، މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ހާމަ ކުރައްވާފައިވާ ކަމަށް ވިދާޅުވެ އެވެ.

އެހެންކަމުން އިސްލާމީ ޝަރީއަތްތަކުގެ އިޖުރާއަތްތައް ފުރިހަމަވެ މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކޫށްވެރިއަކަށް އެ ހުކުމް ތަންފީޒު ކުރުމާ މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލު ކުރައްވަން ޓޮމްގެ ހުށަހެޅުއްވުމުގައިވެ އެވެ.

މަރުގެ ހުކުމާ ގުޅޭ ގޮތުން ސުވާލު ކުރަން މިނިސްޓަރު އިމްރާން ހާޒިރުކޮށްދިނުމަށް ހުށަހަޅުއްވާފައިވާއިރު، ފެބްރުއަރީ 7، 2012 އާ ގުޅުވައި ސުވާލު ކުރަން ވެސް މިނިސްޓަރު އިމްރާން ހާޒިރުކޮށް ދިނުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވެ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މިނިސްޓަރު އިމްރާން ހާޒިރުކޮށް ސުވާލު ކުރަން ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު ހިނގި ހަމަނުޖެހުންތަކާއި މައްސަލަތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކަިއ މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

އެހެން ނަމަވެސް އެ ސުވާލާ ގުޅިގެން މިނިސްޓަރު އިމްރާން ހާޒިރުވުމަށް ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް އިމްރާން މަޖިލީހަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.