ވިޔަފާރި

އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކުން ރަސްމީކޮށް ލޯންޗްކޮށްފި

Jul 25, 2019
3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާއްމުންނަށް ހިއްސާ ވިއްކަން ފެށުން، ރަސްމީކޮށް ރޭ ލޯންޗް ކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް ބޭންކްގެ، އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ލޯންޗް ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

މި ރަސްމިއްޔާތުގައި އެމްއައިބީގެ މައި ހިއްސާދާރު އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ އިސްވެރިންނާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭޖުގެ ސީއީއޯ އަލާއު އަލީ އަދި މަރުކަޒީ ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގަތެވެ.

މީގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މީގެ ތެރޭގައި ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވެސް ހިމެނިވަަޑައިގަންނަވަ އެވެ. އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިއުންތެރިޔާ އަދި މިހާރު ޖަމްއިއްޔަތުލް ސަލަފުގެ އިސް ބޭފުޅެއް ކަމަށްވާ އަލީ ރަމީޒުވެސް ހިމެނެ އެވެ.

އެމްއައިބީގެ އައިޕީއޯ ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަމީރު ވަނީ އިސްލާމިކް ބޭންކުން ހުޅުވާލި ފުުރުސަތުގައި ބައިވެރިވެ، ބޭނުން ހިފަން ހުރިހާ ދިވެހި ރައްޔިތުންނަށް ގޮވާ ލައްވާފަ އެވެ.

"އިސްލާމިކް ބޭންކްއަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ރޯލެއް އަދާކުރާ ބޭންކްއެއް. ހާއްސަކޮށް ކުރިއަރަމުން އަންނަ އިސްލާމިކް ފައިނޭންސުގެ ވިޔަފާރީގައި ވާދަވެރިކަން އުފެއްދުމަށް އިސްލާމިކް ބޭންކުގެ ދައުރު ބޮޑު. އެހެންވެ ހަމައެކަނި ކަސްޓަމަރުންގެ ގޮތުގައެއް ނޫން. ބައިވެރިންގެ ގޮތުގައި އިސްލާމިކް ބޭންކުގައި ބައިވެރިވާންވީ،" އަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު ވިދާޅުވީ އެ ބޭންކްގައި ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް ހިއްސާވާ ކަމަށާ، ބޭންކުގެ ކަސްޓަމަރުންގެ އަދަދު 80،000 އަށް އަރާފައިވާ ކަމަށެވެ.

"ބޭންކު މިދަނީ ހަލުވިކަމާއެކު ކުރިއަރަމުން. ބޭންކުގައި ބައިވެރިވާން ފުރުސަތަކަށް ބޭނުންވެފައި ތިބި ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެއް،" މުހައިމިން ވިދާޅުވި އެވެ.

ހިއްސާ ވިއްކަން ފަށާނީ 28 ގައި

އެމްއައިބީ އިން އާއްމުންނަށް ހިއްސާ ވިއްކަން ފަށާނީ މިމަހުގެ 28 ގަ އެވެ. އަދި ހިއްސާ ވިއްކުން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފަ އެވެ. ހިއްސާ ވިއްކަން ހުޅުވާލާއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ.

އިސްލާމިކް ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލާއިރު އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެމްއައިބީ އިން ބުނި ގޮތުގައި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ މެއިން ބްރާންޗުންނާއި ހުޅުމާލެ ބްރާންޗުން އަދި ހިތަދޫ ބްރާންޗާއި ފުވައްމުލަކު ބްރާންޗު އަދި ކުޅުދުއްފުށީ ބްރާންޗުގެ އިތުރުން ހިތަދޫ ބްރާންޗާއި އައިޕީއޯ ކޯޑިނޭޝަން ސެންޓަރުން ގަނެވޭނެ އެވެ. މީގެ އިތުރުން އޮންލައިން މެދުވެރިކޮށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީޒްގެ ޕޯޓަލް އިން ވެސް ހިއްސާ ގަނެވޭނެ ކަމަށެވެ.

އެމްއައިބީ އިން ބުނި ގޮތުގައި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ މެއިން ބްރާންޗުންނާއި ހުޅުމާލެ ބްރާންޗުން އަދި ހިތަދޫ ބްރާންޗާއި ފުވައްމުލަކު ބްރާންޗު އަދި ކުޅުދުއްފުށީ ބްރާންޗުގެ އިތުރުން ހިތަދޫ ބްރާންޗާއި އައިޕީއޯ ކޯޑިނޭޝަން ސެންޓަރުން ގަނެވޭނެ އެވެ. މީގެ އިތުރުން އޮންލައިން މެދުވެރިކޮށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީޒްގެ ޕޯޓަލް އިން ވެސް ހިއްސާ ގަނެވޭނެ ކަމަށެވެ.