ހަބަރު

ޝާހިދުގެ ވާހަކަފުޅުން ޗައިނާ ސަރުކާރު އުފާވެއްޖެ

Jul 25, 2019
4

ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ ތަރައްގީވެފައިވާ ބޮޑު ގައުމަކާ ކުޑަ ގައުމެއް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ މުޅި ދުނިޔެއަށް އޮތް މިސާލެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރަން ދިވެހި ސަރުކާރުން ބޭނުންވާ މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ "ޒިންހުއާ ނިއުސް އެޖެންސީ" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ގުޅުމަކީ ތާރީހީ ގޮތުން އޮތް ގާތްކަމާއި އެއްގައުމުގެ ސިޔާދަތަށް އަނެއް ގައުމުން އިހުތިރާމް ކުރުމުގެ ވަރުގަދަ ބިންގަލެއްގެ މަތީގައި އޮތް ގުޅުމެއް ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޗައިނާއާއެކު އޮންނަ ގުޅުން މުޅީން އާ ހަރުފަތަކަށް އުފުލުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވައިފަ އެވެ.

"ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މަންފާ ދިވެހި ރައްޔިތުންނަށް ދަނީ ކުރަމުން. ބާރަށް ކުރިއަރައި، ތަރައްގީވަމުން އަންނަ މެދު އާމްދަނީގެ ގައުމަކަށް ވުމަށް ރާއްޖޭން ފަށާފައިވާ ދަތުރުގައި ޗައިނާ ދެމިއޮންނާނީ ރާއްޖޭގެ އިގުތިސާދީ އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް އެހީތެރިވާނެ ކަމަށެވެ. އަދި ޗައިނާ އިން ރާއްޖެ އަށް ވެދިން އެހީތެރިކަމުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކޮށްފައިވާ ކަމަށާއި އެ ގައުމުގެ އެހީގައި ހިންގާފައިވާ އަދި ހިންގަމުން އަންނަ މަޝްރޫއުތަކުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖާއި ވެލާނާ އެއާޕޯޓްގެ އާ ރަންވޭ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭ ކަަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދުގެ އިންޓަވިއުއާ ގުޅިގެން، އަންގާރަ ދުވަހު ޗައިނާ ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެގައުމުގެ މެދުގައި އޮތް ގުޅުމާބެހޭ އެފަދަ ވާހަކައެއް ވިދާޅުވުމުން އުފާ ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އަބަދުވެސް އޮންނާނެ. އަދި އެގޮތުން ރާއްޖެއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުއަށް އެއްބާރުލުންދެމުންދާ މުހިންމު ބައިވެރިއެއް،" ތަރުޖަމާނު ވިދާޅުވި އެވެ.

ޗުންޔިން އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާގެ ބީއާރުއައިގެ ދަށުން ރާއްޖޭގައި ހިންގާފައިވާ ސިނަމާލެ ބްރިޖުގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރުން ފަދަ މަޝްރޫއުތަކުން ސީދާ ދިވެހި ރައްޔިތުންނަށް ގިނަ މަންފާތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ޗައިނާގެ ބައިވެރިވުން ދިވެހި ރައްޔިތުން ބަލައިގެންފައިވާކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ގުޅިގެން ކުރެވޭ މަޝްވަރާތަކާއެކު ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަލުވިކަމާއެކު ކުރިއަރުވަން ޗައިނާއިން ތައްޔާރަށްއޮތްކަމަށްވެސް ތަރުޖަމާނު ހާމަކުރެއްވި އެވެ.

ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމާބެހޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓްރީން މި މޭރުމުން ވާހަކަދައްކާފައިވަނީ، ޗައިނާއަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ރާއްޖޭގެ ހުންނަވާ ޗައިނާ ސަފީރާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވާފައި ދަނޑިވަޅެއްގަ އެވެ.

ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭއިރު، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ކަނޑައަޅަންޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް އިއްޔެ ވިދާޅުވެފައިވަނީ ސިނަމާލޭ ބްރިޖުގެ މަޝްރޫއަށް މުޅިއަކު ހޭދަވީ 200 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އޭގެން ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާއިން ދިން ހިލޭ އެހީގެ ދަށުންނެވެ.

އެގޮތުން، ރާއްޖޭން އަނބުރާ ދައްކަން ޖެހޭނީ ބްރިޖު އަޅަން ދިޔަ ޖުމްލަ ހަރަދުގެ 50 ޕަސަންޓްކަމަށް ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

"... ރާއްޖޭން އަނބުރާ ދައްކަން ޖެހެނީ 100 މިލިއަން ޑޮލަރު. އެވެސް ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު 20 އަހަރުގެ މުއްދަތެއްގެ ތެރޭގައި،" ލިޖޮންގް ވިދާޅުވި އެވެ.