ހަބަރު

ލުތުފަރު މަރުގެ ތަހުގީގު ފުރިހަމަ ކުރަން ކޯޓުން މައްސަލަ ބޭރުކޮށްފި

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލާގެ ތަހުގީގު ފުރިހަމަ ކުރަން ފުރުސަތު ދިނުމުގެ ގޮތުން މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭނާއާއެކު އެއް ބޯޓެއްގައި މަސައްކަތް ކުރި ތިން ބިދޭސީން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ އެވެ.

އެ ދައުވާ އުފުލުމުން އެމީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފުވެ ކުށުގެ އިއުތިރާފު އެއްބަސްވުމުގައި ދައުލަތާއެކު ސޮއިކޮށްފަ އެވެ. ނަމަވެސް މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ތިން މީހުން ވެސް ވަނީ އިއުތިރާފުން ރުޖޫއަވެފަ އެވެ.

އެހެންވެ މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ އެމީހުން ކުށަށް އިންކާރު ކުރާތީ އިއުތިރާފުގެ އެއްބަސްވުން ބާތިލްވެފައިވާ ކަމަށެވެ. އަދި، މައްސަލަ ތަހުގީގު ކުރުމަށް 30 ދުވަސް ދިނުމަށްފަހު މިހާރު ކޯޓުގައި އޮތް މައްސަލަ ގާޒީ ވަނީ ބާތިލް ކުރައްވާފަ އެވެ.

މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބޭ ފުރުސަތެކެވެ. އިއުތިރާފު އެއްބަސްވުމުގައި އިބްތިދާއީ އަޑުއެހުމުގެ ކުރިން ސޮއި ކުރެވިދާނެ ކަމަށް އޮންނައިރު އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިންކާރުކޮށްފިނަމަ މައްސަލަ އަލުން ތަހުގީގު ކުރުމުގެ ފުރުސަތު ލިބެ އެވެ. މިފަދަ މައްސަލަތަކަކީ އެ ގާނޫނުގައިވާ ގޮތުން އަލުން ކޯޓަށް ހުށަހެޅޭނެ މައްސަލަތަކެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހްގީގީ މައުލޫމާތު ހިއްސާ ކުރުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުން ބުނެފައިވަނީ ލުތުފަރު އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ލުރުފަރު މަރާލައިފައިވަނީ ކުރިމަގު ބޯޓުގެ ވާތް ފަޅީއަށް އޭނާ ގެންގޮސް ކަރުގަ ހިފައިގެން ކަމަށާއި، އެ އަޑު އިވިގެން އެ ބޯޓު ކައިރިއަށް ބައެއް މީހުން އެއްވި ކަމަށާއި، ނަމަވެސް ލުތަފަރު މަރާލި ނޫރުލް އިސްލާމް އެމީހުންނަށް ދޮގު ވާހަކައެއް ކިޔައިދިނީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން އެ އަޑަކީ އޭނާ އާއި އަންހެންނާ ދެމެދު ފޯނުން ކުރި ޒުވާބެއްގެ އަޑު ކަމަށް ބުނި ކަމަށެވެ.

ބޯޓު ކައިރިއަށް މީހުން އެެއްވާން ފެށުމުން ލުތުފަރު މަރައިލުމުގައި ބައިވެރިވި އަނެއް ދެ ބިދޭސީން ލުތުފަރުގެ ހަށިގަނޑު ކައިރީގައި ފިލައި ތިބި ކަމަށާއި، ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވާޖަހައިފައި މޫދާ ތިރި ކުރި ކަމަށެވެ. އެއީ ބޯޓަށް މީހަކު އަރައިފާނެތީ ކަމަށްވެސް ތަހުގީގަށް ހައްޔަރުކުރި ބިދޭސީން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ މޫދުން ނެގުމަށްފަހު އަންނައުނު ބަދަލުކޮށް އޭނާ ނިދާ ތަނުގައި އޭނާ ބޭއްވި ކަމަށާއި، އެގޮތަށް އަމަލުކުރީ މީހަކު ބޯޓަށް އެރި ނަމަވެސް ލުތުފަރު ބޯޓުގައިވާކަން ދެއްކުމަށްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފައިން ފަތައިފައި ލުތުފަރު ހަށިގަނޑު ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ތިން ބަސްތާ ލުތުފަރުގެ ހަށިގަނޑުގައި އައްސައިފައިވުމުން، ފަތައިފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްފައި ކަމަށާއި އެއަށްފަހު ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ.