ހަބަރު

ޕީސީބީއަށް އަލުންް މެމްބަރުން ލާން ރައީސަށް ދަންނަވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެމްބަރުން މަގާމުން ވަކިކޮށް، އަލުން އެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދަންނަވައިފި އެވެ.

ރައީސް ސޯލިހު އަށް އެގޮތަށް ދަންނަވަން މަޖިލީހުން ނިންމާފައިވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާ ކުރެވިފައިވާ މިންވަރު މުރާޖައާކޮށް، މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމެވި ރިޕޯޓްގަ އެވެ.

މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ފާހަގަ ކޮށްފައިވާކަންކަމުގެ ތެރޭގައި، ޕީސީބީ އަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބަލާފައިނެތް ކަމާއި، އެ ބޯޑުގައި ޖުމްލަ 7 މެމްބަރުންތިބެން ޖެހޭއިރު، އެބޯޑަށް އައްޔަންކޮށްފައިވަނީ ރައިސާއެކު ފަސް މެމްބަރުން ކަމާއި، ސިވިލްސާވިސްގެ ގަވައިދުގައި ބުނެފައިވާ ގޮތަށް އެ ބޯޑުގެ އިދާރީ އޮނޮގަނޑެއް ތައްޔާރުކޮށްފައި ނުވުމާއި، އަދި އެ އޮނިގަނޑު ހެދިފައިނެތުމުން، އިދާރީ ހިންގުމަށް ބޭނުންވާނެ ގާބިލް މުވައްޒަފުން ނުލިބުމާއި، ބޯޑުގެ މައްސޫލިއްޔަތުތައް އަދާނުކުރެވުމާއި، އިދާރީ ކަންކަން ނުކުރެވުން ހިމެނެއެވެ.

މީގެ އިތުރުން، ޕީސީބީގައި ދައުލަތުގެ ވިޔަފާރިތަންތަން ދިރާސާކޮށް، ޕްރޮސީޖާތައް ހެދުމަށް ތަޖުރިބާހުރި މީހުންނާއި، ފެސިލިޓީތައް ހޯދޭނެ ގޮތެއް ނެތުމާއި، ބަޖެޓްލިބިފައިނެތްކަންވެސް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ތެރެއިން ފައިދާނުވާ ތަންތަނާއިމެދު އަޅާނެ އިސްލާހީ ފިޔަވަޅުތައްވެސް ކަނޑައަޅާފައިނުވާކަމަށެވެ.

މީގެ އިތުރުންވެސް ގިނަަކަންތައްތަކެއް ފާހަގަކޮށް އެ ކޮމީޓީން ނިންމީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަލައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ބޯޑު މެންބަރުން ވަކިކުރުމަށްފަހު، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރާއީސް އެ ބޯޑަށް އަލުން މެންބަރުން އައްޔަންކޮށް، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވުމަށް ރައީސަށް ދެންނެވުމަށެވެ.