ސަގާފަތް

މިނިވަން ދުވަހާ ގުޅުވިި ލިބާސް ސައްބީސް!

މިނިވަން ދުވަސް ފާހަގަކުރަން މިފަހަރު ދިވެހިން ކުރި އެންމެ ތަފާތު އެއްކަމަކީ މި އެވެ. ކޮންމެ އަހަރަކުހެން ބާއްވާ ކުޅިވަރުތަކާއި ފްލޯޓު ބުރުތަކުގެ އިތުރުން ދިވެހިންގެ ޓްވިޓާ ކްރައުޑް އެއްކޮށްލީ "ލިބާސް ސައްބީސް"ގެ ނަލަ ހެދުންތަކުންނެވެ.

ގައުމީ ދުވަސްތަކާ ގުޅުވައިގެން ދިވެހިން އަޅާ ހެދުންތައް ބަދަލުވަމުން އައިސް ހެދުމުގެ އަސްލު ގެއްލޭ ވާހަކަ އަބަދުވެސް ދައްކަ އެވެ. ލިބާހުގެ ރީތިކަން ގެނައުމަށް ކޮށްފައިވާ ބުރަ މަސައްކަތް ގެއްލި އުވިގެން ދާން އުޅޭ ކަމުގެ ބިރެއް އޮންނަ ކަމަށްވެސް ބުނެ އެވެ. މިނިވަން ދުވަހުގެ ފޮޓޯ ނަގައި ޓްވިޓާއަށް ލުމުގެ ބަދަލުގައި މިފަހަރުގެ މިނިވަން ދުވަހަކީ ލިބާހުގެ ދުވަހަކަށް ހަދައި ލިބާސް ސައްބީހަށް ބަދަލުކޮށްލީ ޒުވާން ދެ އަންހެން ކުދިންނެވެ.

ލިބާސް ސައްބީހުގެ ފޮޓޯތައް މުޅި ޓްވިިޓާގައި ކުލަގަދަ ކޮށްލައިގެން އިއްޔެ އާއި މިއަދާ އުޅޭ އިރު މިކަން ފެށި ދެ ޒުވާނުން ބޭނުންވަނީ ދިވެހި ރީތި ސަގާފީ ހެދުން އެޅުން އާންމުކަމަކަށް ހަދަންށެވެ.

ޓްވިޓާގައި ކުރިއަށްގެންދިޔަ އެހެން ހޭޝްޓެގް އަކުން އިންސްޕަޔާވެގެން ހައްވާ ސަނާޔާ އަދި މަރިޔަމް ރިފްގާ ރަޝީދު އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހޭޝްޓެގްގެ ދަށުން މިހާރު 325 އަށްވުރެ ގިނަ ފޮޓޯ ވަނީ އެއްދުވަސް ތެރޭ ހިއްސާކޮށްފަ އެވެ.

"ބޮޑަށް ބޭނުންވީ ލިބާހުގެ ރީތިކަން ބުނެދިނުމާ އެއްވަރަށް މިކަން ނޯމަލައިޒް ކުރަން. މިއީ އާއްމު ކަމަކަށް ހަދަން. ޓްވިޓާ ތްރެޑެއްގައި ހިނގި ކޮންވަޒޭޝަން އެއްގެ ތެރެއިން ހަމަ ނިންމުނީ. ދެން ބޭނުންވީ ޖުލައި 26 އަށް އެންމެން ލިބާސް ލައިގެން ހުރި ފޮޓޯތައް ނަގާ ޝެއާ ކުރަން. ލިބާސް 26 އަކަށް ހަދަަން" ލިބާސް ސައްބީހުގެ ހިޔާލު އައިގޮތް ސަނާޔާ ކިޔައިދިނެވެ.

މި މޫވްމަަންޓުގެ ދަށުން ލިބާސް ނެތްނަމަ، ގައުމީ ސަގާފީ އެހެން ހެދުމެއްގައިވެސް ފޮޓޯ ނަގާފައި ހިއްސާ ކުރަންވީ އެވެ. އަދި އަންހެނުން ނޫނަސް ފިރިހެނުންވެސް ލިބާސް މޫވްމަންޓުގައި ބައިވެރިވި އެވެ.

ސަނާޔާ ބުނިގޮތުުގައި، މި މޫވްމަންޓުުގެ ދަަށުން މީގެ ކުރިން ނުފެންނަ ކިތަންމެ ވައްތަރެއްގެ ލިބާހެއް މިހާރު ފެނިއްޖެ އެވެ. އަދި ބޭނުމަކީވެސް އެއީ އެވެ. ދިވެހިން އެންމެ އިހުގަައި ލިބާސް ލައި އުޅުނު ހިސާބަށް ގޮސް އެހާރާއި މިހާރުގެ ލިިބާހުގެ ހުރި ތަފާތުވެސް ހޭޝްޓެގުން ފެނުމެވެ. އެކަންވެސް މިހާރު އެބަ ޓްވިޓާގައި ފެނެ އެވެ. ލިބާސްސައްބީހުގެ ފޮޓޯތަކުން މުސްކުޅި ލިބާހާއި އެންމެ ޒަމާނީ ލިބާސްތައްވެސް ދައްކާލައިފި އެވެ.

"އޮފިޝަލް ޖަލްސާތަކާއި ވެޑިންތަކަށް ދާއިރުވެސް ގައުން އެއް ކަހަލަ އެއްޗެއް މި ލަނީ. އޭގެ ބަދަލުގައި ދިިވެހި ހެދުންތައް ލާން ނޯމަލައިޒް ކުރަން ޖެހޭ. ލިބާސް ނޫނަސް ދިވެހި ސަގާފީ ކޮންމެ ހެދުމެއް ވެސް ރީތި."

ޖުލައިންސައްބީސް މިފަހަރު ބަދަލުކޮށްލި ލިބާސް ސައްބީހަށްފަހު މި ހަރަކާތް ނިމުނީ އެއް ނޫނެވެ. މި ގްރޫޕް ތިބީ އަންނަ ބޮޑު އީދުގައިވެސް މިކަހަލަ މޫވްމަންޓެއް ބާއްވަން ނިންމާފަ އެވެ. ސަގާފީ ގައުމީ ކޮންމެ ހެދުމެއްގަ އެވެ.