ޓޫރިޒަމް

ޓޫރިޒަމްގެ އާ މާސްޓަ ފްލޭންގެ މަސައްކަތް މާދަމާ އިފްތިތާހު ކުރަނީ

ރާއްޖޭގެ ޓޫރިޒަމްގެ ފަސް ވަނަ މާސްޓަ ފްލޭން އެކުލަވައިލުމުގެ މަސައްކަތް އިފުތިތާހު ކުރުން މާދަމާ ރޭ ދަރުބާރުގޭގައި ބާއްވާނެ އެވެ.

ދަރުބާރުގޭގައި ބާއްވާ އެ އިވެންޓުގައި ރާއްޖޭގެ ތިން ރައީސަކު ވާހަކަފުޅު ދައްކަވާނެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ.

އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައްވެސް ރަސްމިއްޔާތަށް ވަޑައިގަންނަވާނެ އެވެ.

މާދަމާ ރޭ އޮންނަ އިވެންޓުގައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތާއި، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ތައްޔާރު ކުރާ ހާއްސަ އެޕްލިކޭޝަނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓޫރިޒަމް މިނިސްޓްރީން ބައިތިއްބާ "ބީޗް ސްކައުޓް" އިފްތިތާހު ކުރުމާއި ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް އިފުތިތާހު ކުރުންވެސް އޮންނާނެ އެވެ.

ރާއްޖޭގެ ހަތަރު ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކޮށްފައިވަނީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ޕްލޭން ހަދާފައި ވަނީ 2013 އިން 2017 ގެ ނިޔަލަށް ކުރަން ހާއްސަ ކަންތައްތަކެއް ކަނޑައަޅައިގެނެވެ. އެ މާސްޓާ ޕްލޭނުގެ މައިގަނޑު އަމާޒަކަށް ހަދާފައި އޮތީ ޓޫރިޒަމަށް ހާއްސަ އިންފްރާސްޓްރަކްޗާ ބިނާ ކުރުމާއި ޓޫރިޒަމް ތަރައްގީ ކުރާނެ ޒޯނު ތަކެއް ކަނޑައެޅުމެވެ. އެ މާސްޓަ ޕްލޭންގެ ދަށުން ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ ވަނީ ގާއިމްކޮށްފަ އެވެ. މިހާރު ރާއްޖޭގައި 45،000 އަށްވުރެ ގިނަ އެނދު އޮޕަރޭޓް ކުރަމުން ގެންދެ އެވެ.