ރައްޔިތުންގެ މަޖިލިސް

ފަސް މެންބަރަކު ސެކިއުރިޓީއަށް އެދިފައިވޭ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު ސެކިއުރެޓީއަށް އެދި އެ އިދާރާއަށް ހުށަހަޅުއްވާފައިވާ ކަމަށް މަޖިލިސްގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ ބައެއް މެމްބަރުންނަށް ބިރު ދައްކައި އިންޒާރުތައް ދެމުންދާތީ ސެކިއުރެޓީ ފޯރުކޮށް ދިނުމަށް ޑިފެން މިނިސްޓްރީގައި އެދިފައިވާ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިރޭ ވިދާޅުވީ، ސެކިއުރެޓީ އަށް އެދި ވަޑައިގެންނެވި ފަސް މެމްބަރުންގެ މައުލޫމާތު ޑިފެންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި މެމްބަރުންނަށް ސެކިއުރެޓީ ދޭނެ މުއްދަތު ކަނޑަ އަޅާނީ ވެސް ޑިފެންސުން ކަމަށެވެ. މެމްބަރުން ސެކިއުރެޓީއަށް އެދި ހުށަހަޅާފައިވަނީ ކޮން މައްސަލަތަކެއްގައި ކަން ހާމަ ކުރެވެން ނެތްކަމަށް ޒިޔާއު ވިދާޅުވި އެވެ. އަދި ސެކިއުރެޓީއަށް އެދުނު މެމްބަރުންގެ ނަންތައް ހާމަކުރެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންނަށް އިންޒާރުތައް ލިބެން ފަށާފައިވަނީ، ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ފެށި ހިސާބުންނެވެ.