ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓޫރިޒަމަށް އިންވެސްޓް ކުރަން ބޭރުގެ 28 ފަރާތަކުން އެދިފައިވޭ: ރައީސް

ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް އިންވެސްޓް ކުރަން މި އަހަރުގެ މިހާތަނަށް ބޭރުގެ 28 އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 23 ފަރާތަކަށް އެ ކަމުގެ ހުއްދަ ދޫކޮށްފައިވާ ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހު ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ފަތުރުވެރިންގެ މެދުގައި ރާއްޖެ އިތުރަށް މަގުބޫލުވެ، އިންވެސްޓަރުންގެ މެދުގައި އޮތް އިތުބާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓް ކުރަން 28 ފަރާތަކުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ހުއްދަ ދޫކުރީ 23 ފަރާތަކަށް ކަމަށެވެ. އޭގެ ތެރެއިން 17 އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރެވި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި އަހަރުގެ މި މުއްދަތަށް ދުނިޔޭގެ 13 ގައުމަކުން ރާއްޖޭގައި އިންވެސްޓް ކޮށްފި. މިއީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ސުލްހަ އާއި ހަމަޖެހުން ގާއިމް ކުރުމުގެ ނަތީޖާ،" ސަރުކާރުގެ އިސް ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްކޮށް އުޅޭ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމްގެ ބާޒާރުގައި ރާއްޖެއިން ވަރަށް މަތީ މަގާމެއް ހޯދާފައިވާ ކަމަށާއި އެ ކަމުގެ ހުރިހާ ޝަރަފެއްގެ ހައްގުވެރިންނަކީ ޓޫރިޒަމްގެ ސިނާއަތް ކޮޅަށް ޖެހުމުގައި އިސްކޮށް އުޅުނު ހުނަރުވެރި ދިވެހިން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުުގެ މި ކުރު މުއްދަތުގެ ތެރޭގައި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ ޓޫރިޒަމްގެ ސިނާއަތަށް އިތުރު ކުރިއެރުންތައް އައިސްފައިވާ ކަމަށެވެ. އެ ގޮތުން މި އަހަރުގެ މިދިޔަ ހަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތް، ކުރީ އަހަރުގެ މި މުއްދަތަށްވުރެ 18 ޕަސެންޓް ކުރިއަރާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ޓޫރިޒަމުން ލިބޭ އާމްދަނީ މި އަހަރުގެ ފުރަތަމަ ތިން މަހު 1.1 ބިލިއަން ރުފިޔާ އަރަފައިވާ ކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.