ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ނާރެހަކީ ސީދާ ރައްޔިތު މީހާގެ ޖީބު: ރައީސް

މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސިޔާސަތުގެ މައި ނާރެހަަކީ ސީދާ ރައްޔިތު މީހާގެ ޖީބު ތަނަވަސް ކުރުން ކަމަށް ރައީސް އިބްރާހިމް ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ޓޫރިޒަމްގެ މަސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމްގެ ސިނާއަތް ތަރައްގީ ކުރެވޭނީ އެ ސިނާއަތުގެ ނަފާ އެންމެ އާންމު ރައްޔިތު މީހާއަށް ލިބި، ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންގެ ކަންބޮޑުވުންތައް އަޑުއަހައިގެން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، މުޖްތަމައުގެ ތިޔާގިކަން އިތުރުވެގެން ދާނީ، ވަކިވަކި ފަރުދުންގެ ޖީބަށް އެނގުން ވެގެނޭ. އެހެންވީމާ، މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބު." ރައީސް ސޯލިހު ވިދާޅުވި އެވެ

ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންގެ އެންމެ މައިގަނޑު ޝަކުވާއަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނާއި ބިދޭސީންގެ މުސާރައިގެ ތަފާތު ކުރުން ގެންގުޅުމާއި ގިނަ ރިސޯޓުތަކާއި ޓޫރިޒަމް ވިޔަފާރިތަކުގެ މަތީ ވަޒީފާތައް ދިވެހީންނަށް ލިބުން މަދުވާ ޝަކުވާ އެވެ.

ރައީސް ވިދާޅުވީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ނަމަވެސް އެންމެގެ ވެސް ކަންބޮޑުވުމަކީ ލިބޭ އާމްދަނީ ކަމަށެވެ. އެހެންކަމުން ކުޔރިއަސް އޮތް ފަސް އަހަރުގެ ޓޫރިޒަމްގެ މާސްޓާ ޕްލޭންގައި ޓޫރިޒަމްގެ ސިނާއަތުން ދިވެހިންނަށް ފުރުސަތުތައް އިތުރު ކުރުމާއި ސިނާއަތަށް ބޭނުންވާ ހުނަރުވެރި ދިވެހީން ތަމްރީނު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޮޑު ތިލަންދުންމަތިން ފެށިގެން އައްޑޫއާ ހަމައަށް ފަތުރުވެރިކަން ފުޅާކޮށް، ފުޅާވެގެން ދާއިރު ސީދާ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަދެ ވަކިވަކި ފަރުދުންގެ މުއްސަނދިކަން އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުން މަސައްކަތް ކުރަނީ ޓޫރިޒަމްގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުން ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކަމަށް އެންމެ މުހިއްމު އެއް ކަމަކީ ތިމާވެށި ހިމާޔަތް ކުރުން ކަމަށާއި އެ ކަމަށް މިހާރު ވެސް މި ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.