ސީއެމްޑީއޭ

ހިއްސާ ގަންނަން ވިސްނަނީ؟ ކޮންމެހެން ބަލަންވީ ކަންކަން

Aug 2, 2019
3

ކުންފުނިތަކުން ވިޔާފާރިއަށް ބޭނުންވާ ރައުސްމާލު ހޯދުމަށް ނުވަތަ މައި ހިއްސާދާރަކު އެފަރާތުގެ އިންވެސްޓްމަންޓް ދޫކޮށްލުން ފަދަ ހާލަތްތަކުގައި ހިއްސާ ވިއްކުމަށް ހުޅުވާލަ އެވެ. މިގޮތުން ރާއްޖޭގެ ބައެއް ކުންފުނިތަކުންވެސް އެކިދުވަސްވަރު އެކި ފަހަރު މަތިން ވަނީ އާންމުކޮށް ހުޅުވާލައިގެން ހިއްސާދޫކޮށްފަ އެވެ. މި މޫސުމަކީވެސް ދިވެހިންނާ ވަރަށް ބޮޑަށް ގުޅުން ހުރި، ދިވެހިން އެކުންފުންޏަށް ފަހުރުވެރިވާ ކުންފުންޏަކުން އާންމުކޮށް ހުޅުވާލައިގެން ހިއްސާ ވިއްކުމަށް ނިންމާފައިވާ ދުވަސްވަރެކެވެ. ހިއްސާއަކީ އެއިން ބޮޑު ނަފާ އެއް ހޯދުމުގެ ފުރުސަތު އޮތް މާލީ މުދަލެއްނަމަވެސް ތަފާތު ރިސްކު ނުވަތަ ހިރާސް އެކުލެވިގެންވާ އިންވެސްޓަމަންޓެއްކަން ފާހަގަކުރަންޖެހެ އެވެ. ބައެއް ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ހިއްސާގެ ފައިދާ ދެމުންދާއިރު އަނެއް ބައި ކުންފުނިތަކުން އެ އަހަރު ދޭނެ އެއްޗެއްނެތިގެން ހިއްސާދާރުން ހުސްއަތާ ގެއަށްދާންޖެހޭ ވާހަކަވެސް ނޫސްތަކުގެ ސުރުހީތަކުން ފެނެ އެވެ.

ތަފާތު ދެގޮތަކަށް މިކަމެއް ހިނގާތަން ފެންނައިރު، އާންމު މީހާ މިވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ. ބުރަ މަސައްކަތުން އެއް ކުރެވިފައި ހުންނަ ފައިސާ ކޮޅު ހިއްސާގައި އިންވެސްޓްކުރާއިރު، އެއިން މަންފާއެއް ލިބޭނެ ކަމަށް ބެލެވޭ ކުންފުނިތައް އިހުތިޔާރުކުރުމުގައި ވިސްނާ ފިކުރު ހިންގާލަންޖެހެ އެވެ.

ޖަވާބަކީ "ޕްރޮސްޕެކްޓަސް"

ރާއްޖޭގެ ހިއްސާ ބާޒާރު ރެގިޔުލޭޓްކުރާ ފަރާތް ކަމުގައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހާމަކުރާ ގޮތުގައި، ކެޕިޓަލް މާކެޓަށް ދޫކުރާ ސެކިޔުރިޓީސް (ހިއްސާ އަދި ބޮންޑް) ގައި އިންވެސްޓްކުރުމުގެ ކުރިން ސަމާލުވާންޖެހޭ ގިނަ ކަންކަން ހުރެ އެވެ.

މިގޮތުން ބަލަންޖެހޭ އެންމެ މުހިންމު އެއްޗަކީ ހިއްސާ ވިއްކާ ކުންފުނިން އާންމުކުރާ "ޕްރޮސްޕެކްޓަސް" (ހިއްސާގެ ބަޔާން) އެވެ. ރައްކާކޮށްފައިހުރި ފައިސާކޮޅު އިންވެސްޓްކުރުމުގެ ކުރިން އެ ކުންފުންޏެއްގެ ޕްރޮސްޕެކްޓަސް ފަރުވާތެރިކަމާއެކު ދިރާސާ ކުރުން ކޮންމެހެންވެސް މުހިންމުވެއެވެ.

"ޕްރޮސްޕެކްޓަސް" އިން ބަލަންވީ ކޮންކަންކަމެއް؟

ހިއްސާ ވިއްކަން ހުޅުވާ ކޮންމެ ކުންފުންޏަކުން ހިއްސާގެ ބަޔާނާއިބެހޭ ގައިޑްލައިނާއި ސެކިއުރިޓީޒް މާކެޓް ރެގިޔުލޭޓްކުރާ ފަރާތުން އެކަށައަޅާފައިވާ ގަވައިދަކާ އެއްގޮތަށް ގިނަ މައުލޫމާތުތަކެއް ހިމަނަން ވަނީ ލާޒިމްކޮށްފަ އެވެ. އެ މައުލޫމާތުތައް ނުހިމެނޭނަމަ، ހިއްސާ ވިއްކުމުގެ ހުއްދައެއް ނުލިބެ އެވެ. ދެން އުފެދޭނެ ސުވާލަކީ މި ބުނާ ޕްރޮސްޕެކްޓަސް އިން ބަލަންވީ ކޮން މައުލޫމާތުތަކެއް ހެއްޔެވެ؟

އެ ޕްރޮސްޕެކްޓަސް އަތް ފުނާ އަޅާއިރު، އެންމެ ބޮޑަށް ސަމާލުކަން ދޭންވީ މައުލޫމާތުތަކުގެ ތެރޭގައި، ކުންފުނީގެ ވިޔަފާރި އާއި އެ ވިޔަފާރިއެއްގައި ހިމެނޭ ރިސްކުތައް ހިމެނެ އެވެ. ހިއްސާ ގަތުމުގެ ކުރިން ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ކުންފުންޏެއްގެ މާލީ ހިސާބުތައް ފުރާނާލައިގެން ފައިދާވަމުން އައިސްފައިވާ މިންވަރާއި، ކުންފުނި ހަރަކާތްތެރިވާ ސިނާއަތާއި، މުދަލާއި، ދަރަނީގެ މިންވަރު ދެނެގަތުމުން، އެ ކުންފުންޏަކާ ގުޅޭ ރަނގަޅު ތަސައްވަރެއް ލިބިގެންދާނެ އެވެ.

އޭގެ އިތުރުން، ހިއްސާ ނޫނީ ބޮންޑު ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރަން ކުންފުނިން ރާވާފައިވާ ގޮތަކީ ވެސް ކޮންމެ އަހަރަކު ހުސް އަތާ ގެއަށްދާން ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ބެލިދާނެ މިންގަނޑުތަކެވެ.

ވީހާވެސް ގިނަ މައުލޫމާތު ހޯދުން މުހިންމު

ޕްރޮސްޕެކްޓަސްގައި ނުހިމެނޭ ބައެއް މައުލޫމާތު ހޯދުމަށް ކުންފުނީގައި އެދުމުގެ ފުރުސަތު އިންވެސްޓަރުން ނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ލިބިދެ އެވެ. ކުންފުންޏަކަށް ގުޅައިގެން އިތުރު މައުލޫމާތު އޮޅުންފިލުވުމަކީ ހުޅުވިފައިއޮތް ފުރުސަތެކެވެ. އޭގެ އިތުރުން ވެސް، އިންވެސްޓްކުރުމުގެ ކުރިން ކަޅިއެއް ހިންގާލަން މުހިންމު އެހެން ކަންތައްތަކެއް ވެސް ހުރެ އެވެ.

އޭގެ ތެރެއިން އެންމެ މުހިންމު އެއްޗަކީ މިނިވަން މުސްތަގިއްލު ފަރާތަކުން ކުންފުންޏަކާ ގުޅޭގޮތުން ތައްޔާރުކުރާ އެކްސްޕަޓް އޮޕީނިއަނެވެ. ޕްރޮސްޕެކްޓަސް އާ ހިލާފަށް އެފަދަ ލަފައެއްގައި ކުންފުންޏެއްގެ ހަގީގީ މަންޒަރު ސާފުވާނެ އެވެ. އެފަދަ ލަފައެއް ނެތްނަމަ، ކުންފުނީގެ މައުލޫމާތު ދިރާސާކުރުމުގައި ކަމާބެހޭ މާހިރެއްގެ ލަފާ ހޯދުމަކީވެސް ލަދުވެތި ކަމެއް ނޫނެވެ.

އެ ވަރުންވެސް ގޮތެއް ނިންމަން ދަތިވާނަމަ، ކުންފުނީގެ ވިޔަފާރީގެ އިތުރުން ހިންގުމުގެ ސިޔާސަތުތަކާބެހޭ މައުލޫމާތު ނޫސްތަކުންނާއި ކުންފުނިން ޝާއިއުކުރާ ރިޕޯޓުތަކުން ހޯދުމަކީވެސް އޮތް މަގެކެވެ.

ހިއްސާ ގަންނަ ފަރާތްތަކުގެ ގިނަ ހައްގުތަކެއް

އެ ހުރިހާ މައުލޫމާތުތައް ބަންޑެލިކޮށްގެން ހިއްސާ ގަތުމަށްފަހު ލިބިގެންދާ ހައްގުތަކުގެ ބޭނުންހިފުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އަމިއްލަ ފައިސާތަކެއް ބައެއްގެ އަތްމައްޗަށް ދޫކޮށްނުލައި ފާރަވެރިވުމަކީ އިންވެސްޓްމަންޓް ރައްކާތެރިކަންމަތީ ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެކެވެ.

އެ ގޮތުން، ކުންފުނީގެ މިލްކުވެރިކަމުގައި ބައިވެރިވުމާއި، މުހިންމު ނިންމުންތަކުގައި ވޯޓު ދިނުމާއި، ކުންފުނީގެ މައުލޫމާތުތައް އަބަދުވެސް ހޯދަމުން ދިޔުމަކީ ހައްތަހާވެސް ހިއްސާ ގަންނަ ފަރާތްތަކަށް ލިބިދީފައިވާ އަސާސީ ހައްގުތަކެވެ. ހިއްސާ ގަތުމުގެ ކުރިން ބެލި މައުލޫމާތުތަކާއި ކުންފުނިން ގަވައިދުން އާންމުކުރަންޖެހޭ މާލީ ހިސާބުތައް ދިރާސާ ކުރަމުން ގެންދިޔުމަކީ ކުންފުނީގެ ހާލަތާއި ކުންފުނީގެ ކުރިމަގު ވަޒަންކުރުމުގައި އިންވެސްޓަރެއް ނޫނީ ހިއްސާދާރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މުހިންމު ދައުރެކެވެ.

ބުރަ މަސައްކަތުން އެއްކުރެވޭ ފައިސާ ކޮޅުން ހިއްސާ ގަތުމަކީ އުނދަގޫ ނިންމުމެކެވެ. އެހެންކަމުން އެފަދަ ކަމެއްގައި ހުރި ފައިދާތަކާއި ނުރައްކާތައް ރަނގަޅަށް ވަޒަންކުރެވި ހޭލުންތެރިވާންޖެހެ އެވެ. ހިއްސާ ގަތުމުގެ ކުރިން، އެ ކުންފުންޏަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ރަނގަޅަށް ބަލައި ދިރާސާކުރުމަކީ ފައިދާ ކުރަނިވި ރަނގަޅު އިންވެސްޓްމަންޓެއް ކުރުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ.