ހަބަރު

ދެ ކޮމިޝަނާއި ބީއެމްއެލް ހޫނު ބަހުސަކަށް، ދެން އޮތީ ހުކުމް

ރިޔާސީ ކޮމިޝަނުން އެދޭ މައުލޫމާތުތައް ފޯރުކޮށް ދިނުމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބަރީއަވެވެން ނެތް ލާޒިމް ކަމެއް ކަމަށް މިއަދު ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ. މިއަދުގެ ޝަރީއަތުގައި ބީއެމްއެލް އާއި ކޮމިޝަނާ ދެމެދު ހޫނު ބަހުސަކަށް ދިޔަ އެވެ.

ދައުލަތް ތަމްސީލް ކުރާ ބަންޑާރަ ނައިބުގެ ފަރާތުން މިހެން ބުނީ ބީއެމްއެލްގެ ފަރާތުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގަ އެވެ. އެ މައްސަލައަކީ އެ ކޮމިޝަނުން އެދޭ މައުލޫމާތުތައް ކޯޓު އަމުރެއް ނެތި ފޯރުކޮށްދެވެން ނެތް ކަމަށް ކަނޑައެޅުމަށް ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މީގެކުރިން ޖިނާއީ ތަހުގީގުކުރާ އިދާރާއަކުން އެދޭ އެފަދަ މައުލޫމާތު ދޫކުރުމަށް ބޭންކިންއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން އައީ ތަހްގީގީ އިދާރާތަކާ ހިއްސާކުރަމުންނެވެ. އެކަން ހުއްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަށްފަހު އެވެ. އެ ހުކުމުގައިވާ ގޮތުން ކަސްޓަމަރުންގެ މައުލޫމާތު ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ އިޖުރާއަތްތައް ފުރިހަމަކޮށްގެންނެވެ. މާނައަކީ ކޯޓު އަމުރެއް ލިބިގެންނެވެ. ހަމައެކަނި ލިޔުމެއް ނުފެދެ އެވެ.

އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ވަނީ ފަރަގު އުފެދިފަ އެވެ.

މިއަދު ސިވިލް ކޯޓުގައި ވަނީ އެ މައްސަލާގެ ފަހު އަޑުއެހުން ބާއްވާފަ އެވެ. އަޑުއެހުމުގައި ހުލާސާ ގޮތެއްގައި މައްސަލައާމެދު ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ވަކީލް ޝާހީން ހަމީދު ވިދާޅުވީ ހައިކޯޓުން އިއްވި ހުކުމާއެކު ބީއެމްއެލްއިން އަމަލު ކުރަމުން އައި ގޮތަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށާއި އެއީ އެ ބޭންކްގެ ކަސްޓަމަރުންގެ ހައްގުތައް އެންމެ ބޮޑަކަށް ހިމާޔަތް ކުރުމަށްޓަކައި ކަމަށެވެ.

ޝާހީން ވިދާޅުވީ މި މައްސަލާގައި ބޭންކުން ފުލުހުންނާ ވެސް ބައްދަލުކުރި ކަމަށާއި ފުލުހުން ވެސް ވަނީ ފޯރުކޮށްދޭ ލިޔުމަކީ ގާނޫނާ އެއްގޮތަށް ފޯރުކޮށްދޭ ލިޔުންތަކެއްކަން ޔަގީން ކުރުމުގެ މުހިންމުކަން ފާހަގަކޮށްފަ ކަމަށެވެ. އެހެންވެ ކޯޓަށް މި މައްސަލަ ހުށަހަޅައިގެން އުޅެނީ އެ މަގުސަދު ހާސިލް ކުރުމަށްޓަކައި ކަމަށެވެ.

މައްސަލާގައި ޖަވާބު ދެއްވަމުން ބަންޑާރަ ނައިބުގެ ވަކީލް ފައެނާ ފައްޔާޒު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ މަގުސަދަކީ ވަރަށް މުހިންމު މަގުސަދެއް ހާސިލް ކުރުން ކަމަށާއި ގެއްލިފައިވަނީ ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ކަމުން ރައްޔިތުންގެ ހައްގުތަކާ ވެސް ގުޅިފައިވާ މަގުސަދެއް ކަމަށެވެ. އެހެން ކަމުން އެ ކޮމިޝަނަށް އެއްބާރުލުންދީ މައުލޫމާތު ފޯރުކޮށްދިނުން ބީއެމްއެލްއަށް ލާޒިމް ކަމަށާއި އަދި އެކަމަކީ ގާނޫނުތަކުން ވެސް ލާޒިމް ކުރާ ކަމެއް ކަމަށެވެ.

އެގޮތުން ރިޔާސީ ކޮމިޝަނަށް ބާރު ދިނުމުގެ ގާނޫނު ފާހަގަކުރެއްވި އެވެ. އެ ގާނޫނުގައިވާ ގޮތުން ރިޔާސީ ކޮމިޝަނަކީ ތަހުގީގު އިދާރާއެއްގެ ބާރުތައް ލިބިފައިވާ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަނުން އެދިއްޖެ ކޮންމެ މީހަކު ކޮމިޝަނަށް ހާޒިރުވެ، ދޭން އަންގާ ކޮންމެ ލިޔުމެއް ދޭން ޖެހޭނެ އެވެ. އަދި އެކަމާ ހިލާފުވެއްޖެނަމަ އެއީ ޖިނާއީ ކުށެކެވެ. އޭގެ އިތުރުން ބޭންކިން ގާނޫނު ވަކީލް ފާހަގަ ކުރެއްވި އެވެ. އެ ގާނޫނުގައިވާ ގޮތުން ވެސް ތަހުގީގީ އިދާރާއަކުން ލިޔުމަކުން ދޭން އަންގައި މައުލޫމާތުތައް ބޭންކުން ދޭން ޖެހެ އެވެ.

ފައެނާ ވިދާޅުވީ ގާނޫނުތަކުގައި ފަސޭހަ އިޖުރާއަތްތައް ބަޔާންކޮށްފައިވަނީ ވެސް ވަރަށް މުހިންމު މަގުސަދެއްގަ ކަމަށެވެ. އެ އިޖުރާއަތްތަކާ ހިލާފަށް ކޮމިޝަންގެ މަސައްކަތްތަކަށް ހަނިވާ ގޮތަށް އަމަލު ކުރުމަކީ އާންމު މަސްލަހަތާ ހިލާފު ކަމެއް ކަމަށެވެ.

މި މައްސަލާގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ތަދުއްހުލް ވެފަ އެވެ. އެ ކޮމިޝަންގެ ވަކީލް ސޮއްފަތު ހަބީބު ވިދާޅުވީ ހައިކޯޓުގެ ހުކުމް އައި ފަހުން ވެސް ބީއެމްއެލްއިން 38 މައްސަލައެއްގައި މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ހުކުމާ ގުޅިގެން އެހެން އެއްވެސް ބޭންކެއްގެ ޝަކުވާއެއް ވެސް ނެތް ކަމަށާއި ބަރާބަރަށް މައުލޫމާތުތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ސޮއްފަތު ފާހަގަ ކުރެއްވި ގޮތުގައި ހައިކޯޓުގެ ހުކުމްގައި ބުނާ އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހެނީ އެކައުންޓެއް ފްރީޒްކުރާ ހާލަތްތަކުގައި އެކަންޏެވެ. އެ ހާލަތުގައި މޮނިޓާ އަމުރެއް ހޯދުމާއި އެއަށްފަހު ފްރީޒުކުރުމުގެ އަަމުރެއް ހޯދުމަކީ އެންމެ ރަނގަޅު އިޖުރާއަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ބޭންކް ސްޓޭޓްމެންޓް ފަދަ މައުލޫމާތުތައް ހޯދުމަކީ ފްރީޒްކުރުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެފަދަ މައުލޫމާތުތައް ހޯދުމަށް މޮނީޓާކުރުމުގެ އަމުރެއް ކޯޓުން ހޯދަން ނުޖެހޭ ކަމަށެވެ. ހައިކޯޓުގެ ހުކުމުން އެކަން ވަރަށް ސާފު ކަމަށެވެ.

ދެ ކޮމިޝަންގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ޝާހީން ފާހަގަ ކުރެއްވީ އެންމެ ނުކުތާއެކެވެ. އެއީ ހައިކޯޓުގެ ހުކުމަށް އަމަލު ކުރަން ނުޖެހޭ ސަބަބެއް ދައުލަތަށް ވިދާޅުވެ ނުދެވޭތީ އެވެ. އެކަމަށް ރައްދު ދެއްވުމަށް ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ ހައިކޯޓުގެ ހުކުމްގެ ވާހަކަ ޝަރީއަތުގައި ނުދައްކަނީ ގަސްދުގައި ކަމަށާއި އެއީ ހައިކޯޓުގެ ހުކުމަކަށްވާއިރު ސިވިލް ކޯޓުގައި އެ ހުކުމަށް ޗެލެންޖް ނުކުރެވޭނެ ކަމަށެވެ. އެ ހުކުމާ ގުޅިގެން ދައުލަތަށް ވެސް ފާހަގަވާ ކަންކަން އެބަހުރި ކަމަށާއި އެ ވާހަކަތައް ދައްކާނީ ސުޕްރީމް ކޯޓުގަ ކަމަށެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ހުކުމް އެހެން އޮތް ނަމަވެސް، މިހާރު ވެސް އަމަލު ކުރާ ގާނޫނުތަކުން ބީއެމްއެލްގެ މައްޗަށް ލާޒިމްވާ ކަންކަން އެބަހުރިކަން ސާފު ކަމަށާއި މި ޝަރީއަތުގައި ދައުލަތުން ފާހަގަކުރާނީ އެކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ބީއެމްއެލްގެ ވަކީލް ވިދާޅުވީ ބޭންކުން ބުނަމުން އަންނަ ވާހަކައަށް މިއަދު ދައުލަތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އެއީ އެ ހުކުމާ ގުޅިގެން ސުވާލު އުފެދޭ ކަންކަން އެބަހުރިކަން ކަމަށެވެ. ބީއެމްއެލްއިން ބޭނުން ވަނީ އެކަންކަން ސާފުކުރުމަށް ކަމަށާއި މައްސަލަ އިސްތިއުނާފަށް ހުށަހަަޅާފައި އޮތުމަކީ ހުކުމަށް އަމަލު ކުރަން ނުޖެހޭނެ ހާލަތެއް ނޫން ކަމަށެވެ. މިހާރު ވެސް ބީއެމްއެލްގެ މައްޗަށް އޮތް ހުކުމަކީ އެއީ ކަމަށެވެ.

ހުކުމް އެހެން އޮތްވާ އެހެން ގޮތަކަށް އަމަލުކޮށްފިނަމަ ބޭންކާއި ބޭންކްގެ ކަސްޓަމަރުން އަދި ހިއްސާދާރުންނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށާއި އެއީ ގިނަ ބައެއްގެ ހައްގާ ގުޅޭ ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ ކޮމިޝަންގެ ބާރުތަކާމެދު ސުވާލު ނުއުފައްދާ ކަމަށާއި އެއްބާރުލުން ވެސް ދޭނެ ކަމަށެވެ. ނަމަވެސް ބޭންކުން ވަނީ އެ ބޭންކުން ފޯރުކޮށްދޭ މައުލޫމާތަކީ ގާނޫނުގެ ތެރެއިން ފޯރުކޮށްދޭ މައުލޫމާތަށްވުން ކަމަށެވެ. އެއީ ކޮމިޝަނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ބީއެމްއެލްއިން ވެސް ބަލަހައްޓަމުން ދަނީ ދިވެހި އެތައް ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ކަމަށާއި އެހެންކަމުން ދެ ކޮމިޝަން ވެސް ބީއެމްއެލް ވެސް މިއޮތީ އެއް ހަމައެއްގައި އެއް ފަރާތެއްގައި ކަމަށް ވަކީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ހުކުމުން އައި ފަހުން ބީއެމްއެލްއިން މައުލޫމާތުތައް ފޯރުކޮށްދީފައިވީ ނަމަވެސް އެއީ ހުކުމާ ގުޅިގެން ބޭންކުން އަމަލު ކުރާނެ ގޮތް ރިވައިސް ކުރުމުގެ ކުރިންނެވެ. ބޭންކްގެ ހިމާޔަތުގައި އެފަދަ މައްސަލަތަކާ ގުޅިގެން އަމަލު ކުރާނެ ގޮތް ރިވައިސް ކުރާ ކަމަށެވެ. އަދި އެހެން ބޭންކުތަކުން އަދި އަމަލު ކުރާނެ ގޮތެއް ނިންމާފައި ނެތުމަކީ އެ ބޭންކުންތަކުން ވެސް ގާނޫނަށް އަންނަ ބަދަލުތައް ބަލަން ނުތިބޭނެ ކަމަށް ބެލޭނެ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ މެންބަރު ނަދީމް އިބްރާހިމް ވެސް މިއަދުގެ ޝަރީއަތަށް ވަޑައިގެން އިންނެވި އެވެ. ނަދީމް ވިދާޅުވީ ބީއެމްއެލްއިން ބަލަނީ ހައިކޯޓުގެ ހުކުމްގެ އެއް ބައި ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނުމަށްފަހު، ތަހުގީގީ އިދާރާއަކުން ނޫނީ ކޯޓަކުން ލިޔުމަކުން އެދިއްޖެނަމަ އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެކަން އެނގެން އޮންނަ ކަމަށް ހުކުމްގައި ބުނާ ބަޔަށް ބޭންކުން ރިއާޔަތް ނުކުރާ ކަމަށެވެ.

ހުކުމްގައި ފަހުކޮޅުގައި އެހެން ބުނެފައި އޮތުމުން ތަހުގީގީ އިދާރާއަކުން ލިޔުމަކުން އެދޭ ހާލަތުގައި އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެކަން އެނގެން އޮންނަ ކަމަށް ނަދީމް ވިދާޅުވި އެވެ. ނަދީމް ވިދާޅުވީ ރައީސް ޔާމީން މައްސަލާގައި ދިމާވި ކަމަކީ އެމަނިކުފާނުގެ އެކައުންޓް ފްރީޒް ކޮށްފައިވަނީ އެމްއެމްއޭގެ ލިޔުމަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވާތީ ކަމަށެވެ. އެމްއެމްއޭއަކީ ތަހުގީގީ އިދާރާއަކަށް ނުވާތީ އެ މައްސަލައަކީ މުޅިން އެހެން ގޮތަކުން ގޮސްފައިވާ މައްސަލައެއް ކަމަށެވެ.

ނަދީމަށް ރައްދު ދެއްވުމަށް ޝާހީން ވިދާޅުވީ ހައިކޯޓުގެ ހުކުމްގައި ވަކި މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ބަޔާންކޮށްފައި އޮތްވައި، އެ ފުރިހަމަ ނުވާ ހާލަތުގައި ބަލަން ޖެހޭނެ ކަމަށް ހުކުމްގައި ފާހަގަ ކުރާ ބައި މާނަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އެވެ. އިސް ގާޒީ ވިދާޅުވީ ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށެވެ. މައްސަލައަކީ ގާނޫނީ ގޮތުން ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ މައްސަލައެއް ކަމަށްވާތީ ހުކުމް ނެރުމަށް ވަގުތު ބޭނުންވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ ހުކުމް އިއްވުމުގެ އަޑުއެހުން އަންނަ މަހުގެ ހަތްވަނަ ދުވަހަށް ތާވަލު ކުރެއްވި އެވެ. އެ ދުވަހަށް ތައްޔާރު ނުވެވިއްޖެނަމަ ދެން އަޑުއެހުން ބާއްވަނީ އީދު ބަންދަށްފަހު 18 ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވި އެވެ.

ބީއެމްއެލްއިން މައްސަލާގައި އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފައިނުވާތީ، މި ވޭތުވެދާ މުއްދަތުގައި ވެސް އަމަލު ކުރާނެ ގޮތެއް އަދި ސާފު ނުވާތީ މައްސަލަ ވީހާވެސް އަވަސްކޮށްދިނުމަށް އެ ބޭންކުން އެދުނެވެ. ބީއެމްއެލްއިން އެދުނީ ކޮމިޝަނުން އެދޭ މައުލޫމާތު ފޯރުކޮށްދޭ ނުދޭ ހާލަތުގައި ވެސް އެ ބޭންކުގެ މުވައްޒަފުންނަށް ފިޔަވަޅު ނޭޅުމުގެ އަމުރެއް ހޯދުމަށެވެ.