ހަބަރު

މަޖިލީހުގައި ޝާހިދު ހެއްދެވީ އިތުރުފުޅު: ސައީދު

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިއަދު މަޖިލީހުގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މިދިޔަ އަހަރު އެކަނި ވެސް ފޮރިން މިނިސްޓްރީގެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހޯދި 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ، މި ސަރުކާރުން ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހޯދި ކަމަށް ޝާހިދު ވިދާޅުވި އަދަަދަކީ އޮޅުވާލައިގެން ވިދާޅުވި އަދަދުތަކެއް ކަމަށާއި، އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. -- ޝާހިދު ވިދާޅުވީ، 1.9 ބިލިއަން ރުފިޔާ ދަތުރު ތަކުން ހޯދިފައިވާ ކަމަށާއި، 50 މިލިއަން ޑޮލަރު ޔޫއޭއީ އާއި، އިންޑިއާއިން ހޯދުނު ކަމަށެވެ.

"އިންޑިއާއަށް އެކަނި ބަލާލިޔަސް މިހާރު އެ ހޯދިފައި އިނީ ބަޖެޓް ސަޕޯޓެއް. ރައީސް ޔާމީންގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހޯދާފައި ހުރީ ސީދާ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމަށް. 2018 ގައި އެކަނިވެސް 222 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ރައީސް ޔާމީން ވަނީ ހޯއްދަވާފައި. އެެއީ އަދި ޗައިނާގެ ހިލޭ އެހީއާ ނުލާ" ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށާއި، ރައީސް ޔާމީނާމެދު ކަންތައް ކުރަމުން ދާގޮތް ބޭރުގެ 25 ފަރާތަކާއި ހިއްސާ ކުރަމުން ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކާއި، ޖަމިއްޔާ ޖަމާތްތައް ވެސް ހިމެނޭ ކަމަށެވެ.