ހަބަރު

އަނދުން ހުސެންގެ އެހީގައި ފަސް ކުއްޖަކު ކިޔަވަން ފުރައިފި

Aug 1, 2019
8

ހެންވޭރު ދެކުނު ދާއިރާއާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އިންޑިއާގެ ބެންގަލޫރުން ހޯއްދަވައި ދެއްވި ސްކޮލާޝިޕް ފުރުސަތުގައި ފަސް ކުއްޖަކު ކިޔަވަން ފުރައިފި އެވެ.

ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވާސިޓީގައި ކިޔަވަންދާން ފުރުމުގެ ކުރިން ހުސެއިންގެ ދާއިރާގެ ފަސް ކުދިންނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލުގެ އިތުރުން ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާ އިއްޔެ ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ.

އެ ސްކޮލާޝިޕްގެ ފުރުސަތުތަކާއި ގުޅިގެން ރިޝްވަތުގެ އަމަލެއް ހިންގާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭ ހުސެއިނާ ދެކޮޅަށް އޭސީސީއަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

ނަމަވެސް އޭސީސީން އެ މައްސަލަ ބެލުމަށް ފަހު ބުނެފައި ވަނީ ހުސެއިން އިންޑިއާގެ ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވާސިޓީގެ ޗާންސެލާއާ ބައްދަލުކޮށް އެ ފަސް ކުދިންނަށް ސްކޯލާޝިޕް ހޯދައިދީފައި ވަނީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމުގެ ކުރިން ކަމަށެވެ.

އެހެންކަމުން ހުސެއިން އަކީ ގާނޫނީ ގޮތުން ބަލާއިރު އޭރު މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ނުވުމުން އިންތިހާބާބެހޭ ގާނޫނުގެ ދަށުން އޭނާ ރިޝްވަތުގެ އަމަލެއް ހިންގިކަން އޭސީސީގެ ތަހުގީގަށް ނުބެލެވޭ ކަމަށެވެ.