ވިޔަފާރި

އުރީދޫ: ޓެކްނޮލޮޖީގެ ފަސޭހަތައް ގެނެސް ދިނުމުގައި ދެމިތިބޭނަން

Aug 1, 2019
އުރީދޫގެ ސީއީއޯ ނަޖީބު ހާން-

ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަތަށް ދިވެހިންނަށް ގެނެސްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ނަޖީބު ހާން ވިދާޅުވެއްޖެ އެވެ.

އުރީދޫއަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި ސީއީއޯ ނަޖީބު ވަނީ ޑިޖިޓަލް ރާއްޖެއެއް ގާއިމްކޮށް، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް މުސްތަގްބަލުގައި ވެސް ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އަރުވާފައިވާފަ އެވެ. އަދި 14 ނިމި ރާއްޖޭގައި ފަނަރަ ވަނަ އަހަރު ފަށާފައިވާއިރު އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަމުން ދާނީ، އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ހިދުމަތްތަކުގެ އެހީގައި ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ކުރިއެރުވުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތުގެ 14 އަހަރުގެ ތެރޭގައި މިވަނީ މުހިންމު ގިނަ ހިދުމަތްތަކެއް ދިވެހިންނަށް ގެނެސްދެވިފައި. މި މުއްދަތުގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައި. އުފާކުރަނީ މިކަމުގައި ބައިވެރިވެވުނީތީ،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏާއެކު ރާއްޖެއަށް ޓޫޖީއިން ފޯޖީއަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

"މީގެ އިތުރުން ވެސް ފަސޭހަ ކޮށްދިނުމަށްޓަކައި ވަނީ ފަސޭހަ ގިނަ ހިދުމަތްތަކެއް ގެނެސްދެވިފައި،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް ވުޖޫދަށް އައީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައެވެ. ހައެއް އޮކްޓޯބަރު 2016 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ގާނޫނީ ހައިސިއްޔަތު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްފަހު، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ނަމުގައި ކުންފުނި ވަނީ އަލުން ރަޖިސްޓަރީ ކޮށްފައެވެ. ކުންފުނީގެ 90.5 ޕަސެންޓް ހިއްސާ ވަތަނިއްޔާ އިންޓަނޭޝަލް އެފްޒެޑް އެލްއެލްސީއިން ހިއްސާކުރާއިރު، 9.5 ޕަސެންޓުގެ ހިއްސާ ކުރަނީ އާންމު ފަރާތްތަކުންނެވެ.

އުރީދޫ މޯލްޑިވްސްއަކީ ބައިނަލްއަގްވާމީ މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އުރީދޫ ގްރޫޕަށް ނިސްބަތްވާ ކުންފުންޏެކެވެ. އުރީދޫ ގްރޫޕަކީ 119 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ބައިނަލްއަގްވާމީ ފެންވަރުގައި މެދު އިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ 10 ގައުމެއްގައި މޮބައިލް، ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް އަދި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޭނުންވާ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

މިދިޔަ އަހަރު ނިމުނުއިރު، އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު ވަނީ 440,000 އަށް ވުރެ މަތިވެފަ އެވެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތައް ހިމެނެއެވެ. އަދި 2013 އިން 2018 އަށް ސަބްސްކްރައިބަރުންގެ ކޮމްޕައުންޑް އެނުއަލް ގްރޯތް ރޭޓް (ސީއޭޖީއާރް)ގެ ގޮތުގައި 12.4 ޕަސެންޓް ހާސިލުކުރެވިފައިވާއިރު އާމްދަނީގެ ސީއޭޖީއާރްގެ ގޮތުގައި 22.7 ޕަސެންޓް ވަނީ ހާސިލުކުރެވިފަ އެވެ.