ހަބަރު

އަދީބު ފިލުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ: ޖަމީލް

Aug 1, 2019
2

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެ އިން ބޭރަށް ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އެ ގައުމުން ވަނީ ހިފަހައްޓައިފަ އެވެ. އޭނާ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާފައިވަނީ އިންޑިއާގެ ޓުޓިކޮރިންނެވެ. ނަމަވެސް، އޭނާ އަދި ހައްޔަރުކޮށްފައިވާ ކަމެއް ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ބެލުމުގައި ސަރުކާރުގެ އިހްލާސްތެރިކަން އޮތް މިންވަރު އެނގޭނީ ތުހުމަތު ކުރެވޭ ބޮޑުންނާމެދު އަމަލުކުރާ ގޮތުން ކަމަށެވެ.

އަދި އަދީބު ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށާއި ސަރުކާރުން ބޭނުންވާ މީހުންގެ މައްސަލަތައް އަވަސް ކުރެވޭއިރު، އެ މައްސަލަ ތަފާތުވަނީ ކީއްވެގެންތޯ ޖަމީލް ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްޗެއް ނުބުނެ އެވެ. އަދީބު ހައްޔަރުކޮށްފައިވާ ވާހަކަތަކާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިގެން އެކަމުގެ ސައްހަކަން ޓެމިލް ނާޑޫގެ ސަރުކާރާ ގުޅައިގެން ހޯދަމުން އަންނަ ކަމަށެވެ.

އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް ހުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.

އޭނާގެ ހަބަރެއް ނުވަނީ އިއްޔެ މެންދުރުފަހުން ފެށިގެން ކަމަށް މައުލޫމާތު ލިބެ އެވެ. އިއްޔެ އޭނާ ތަހުގީގީ އިދާރާއަކުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދިނުމަށް ގަޑި ދެއްވާފައި އެ ގަޑިއަށް ހާޒިރު ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އަދީބު އިންޑިއާއިން ހައްޔަރުކޮށްފައިވާއިރު އޭނާގެ ބައެއް ގާތް މީހުން ވެސް މި ވަގުތު އިންޑިއާގައި ތިއްބި ކަމަށް އެނގިފައިވެ އެވެ. އަދީބު ދަތުރުކުރިކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު މިވަގުތު ޓުޓިކޮރިން ބަނދަރުގައި އޮތް ކަމަށް ދައްކަ އެވެ. ނަމަވެސް، އެ ބޯޓު މިދިޔަ ހޮނިހިރު ދުވަހު ހުޅާމާލެ ބޭރުގައި އޮތް ކަމަށް ދައްކަ އެވެ.